Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

އުރީދޫގެ ހަ މުވައްޒަފަކަށް ހާވާޑް ޔުނިވާސިޓީން ތަމްރީނު ދީފި

އުރީދޫ މޯލްޑިވްސްގެ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އެ ކުންފުނީގެ 6 މުވައްޒަފަކަށް އެމެރިކާގެ ހާވާޑް ޔުނިވާސިޓީން ތަމްރީނު ދީފި އެވެ.

އުރީދޫން 2021 ވަނަ އަހަރު ފެށި އެ ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެއީ މިހާތަނަށް އެފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ރާއްޖޭގައި ތަމްރީނު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ.

އުރީދޫން ބުނީ ކޮންމެ އަހަރަކުވެސް އުރީދޫގެ އުންމީދީ ދެ ލީޑަރުން އެ އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމުތަކެއް ގެނެސްދޭ ކަމަށާއި އެ އިނީޝިއޭޓިވްގެ ސަބަބުން، ހުނަރުވެރިން ތަރުބިއްޔަތު ކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމުލަ ހަ މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ އުރީދޫ ޓީމުގެ މުވައްޒަފުން ގްރެޖުއޭޓްވެ، ޝަރަފުވެރި ހާވާޑް ލީޑާޝިޕް ޕްރޮގްރާމްގައި ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ވިސްނުންތަކަކީ ހަގީގަތުގައިވެސް ކުންފުނީގެ މުސްތަގުބަލު ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑާޝިޕް ޑިވެލޮޕްމަންޓަށް އެ މުވައްޒަފުން ދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އުރީދޫގައި، އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައި ވެސް ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ޕްރޮގްރާމުގައި ކިޔެވި ސްޓާފުންގެ ފަރާތުން އިނޮވޭޝަނާއި އެކްސެލެންސްއަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑާޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދަސްވެނިންނާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން. އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫން ކުރާ މަސައްކަތް،" ޚާލިދު އަލްހަމާދީ ވިދާޅުވި އެވެ.

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ.