Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ރައީސް ގެންދަވަނީ އިގްތިސާދު ފުނޑުފުނޑުކޮށްލަމުން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އިގްތިސާދު ފުނޑުފުނޑުކޮށްލަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކޮންމެ ހޯމަ ދުވަހެއްގެ ރޭ ބާއްވާ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ރޭ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ކުރި ދަތުރުގައި ދިމާވި ވިޔަފާރިވެރިން ތިބީ ރޮވިފައި ކަމަށާއި ދުވާލަކު 40،000 ރުފިޔާ ސޭލްސްގެ ގޮތުގައި ލިބުނު ތަންތަން މިހާރު 12،000 ރުފިޔާ އަށް ތިރިވެފައިވާއިރު، ދުވާލަކު 20،000 ރުފިޔާ ލިބުނު ތަންތަން މިހާރު 4،000 ރުފިޔާ އަށް ތިރިވެފައިވާ ކަމަށެވެ.

އަދި މުވައްޒަފުން ވެސް ކަނޑާލަން ނިންމަމުންދާއިރު، ރަނގަޅަށް އޮތް އިގްތިސާދެއް ރައީސް މުއިއްޒު ފުނޑުފުނޑުކޮށްލަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ރަނގަޅަށް އޮތް އިގްތިސާދެއް ރައީސް ޑރ. މުއިއްޒު ހަމަ ފުނޑުނޑުމިކޮށްލަނީ. މީހުން ބަނޑަށްޖެހޭތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ފައްޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ވެސް ފުނޑުފުނޑުކޮށްލަން އުޅޭ ކަމަށާއި އެކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން އެކަން ހުއްޓުވަން މަގުމައްޗަށް ނިކުންނަން ޖެހުނަސް އަދި އެހެން ގޮތަކުން ވެސް އެކަން އެމްޑީޕީން ކުރަން ތައްޔާރަށް ތިބި ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ފައްޔާޒު ވަނީ ޓެކްސްތައް ބޮޑުކުރުމުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ފަރާތުން ވަނީ ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ބޮޑުކުރުމަށާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ، ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.