ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، އާމިރު ޚާން ސުޕަހީރޯ ފިލްމެއް ކުޅެން ޕްލޭން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖް ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. އޭނަ އަކީ "ކައިތީ" އާއި "މާސްޓާ" އަދި "ވިކްރަމް" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. މިދިޔަ އަހަރު "ލިއޯ" ގެނެސްދިން ޑައިރެކްޓަރު މިހާރު އަންނަނީ ރަޖްނީކާންތާ އެކީ "ކޫލީ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެ ފިލްމުގެ ހާއްސަ ފެނިލުމެއްގައި އާމިރު ހިއްސާވާ އިރު، ލޮކޭޝް ހަދަން ނިންމާފައިވާ ސުޕަހީރޯ ފިލްމާ ގުޅޭ ގޮތުން މިހާތަނަށް ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވައިފަ އެވެ. ޕިންކްވިލާ އިން ބުނީ ދެ ފަރާތުން ހިއްސާކުރި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް، ލޮކޭޝްގެ ސްކްރީން ރައިޓަރުންގެ ޓީމުން މިހާރު ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އޭގެ ފުރަތަމަ ޑްރާފްޓް އެކުލަވާލުމަށް ފަހު، އާމިރާ ހިއްސާކޮށް، އޭނަ އެއްވެސް ބަދަލެއް ގެންނަން އެދޭ ނަމަ، ޓީމުން އެކަން ކުރާ ގޮތަށް ރޭވިފައިވާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ 2026 ގައި ކަމަށް ވެސް ބުންޏެވެ.
ދެހާސް ބާވީހުގެ "ލާލު ސިންގް ޗައްޑާ" އަށް ފަހު އާމިރު ކުޅުނު ފުރަތަމަ ފިލްމަކީ މިހާރު އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ސިތާރޭ ޒަމީން ޕަރް" އެވެ. މި އަހަރުގެ މެދުތެރޭގައި ޝޫޓިން ނިންމައިލި މި ފިލްމަކީ 2017 ގެ "ޝުބް މަންގަލް ސާވްދާން" ގެނެސްދިން އާރްއެސް ޕްރަސައްނާ ޑައިރެކްޓްކުރި ފިލްމެކެވެ.
"ސިޔާތޭ ޒަމީން ޕަރް" އަކީ ސްޕެއިންގެ 2018 ގެ "ޗެމްޕިއަންސް" ގެ ރިމޭކެކެވެ.
ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެން އާމިރު އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމަކީ އޭނަގެ 1994 ގެ "އަންދާޒް އަޕްނާ އަޕްނާ" ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ހަދަން ނިންމާފައިވާ "ޗާރު ދިން ކީ ޒިންދަގީ" އެވެ.