ސިނގިރެޓާއި ބިޑީން ނަގާ ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެެވެ.
އެ މަނިކުފާނު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ މަހުގެ 1 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3ރ. އިން 8ރ. އަށް މަތިކުރުމަށާއި އެ ތަކެތިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ޕަސެންޓަށް މަތިކުރަން ނިންމާފައިވެ އެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައި:
ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް ތިރީގައިވާ ގޮތަށް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު…
— Dr Mohamed Muizzu (@MMuizzu) October 15, 2024
މީގެ އިތުރުން ޢާންމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަ ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށައިޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ވަނީ ނިންމައިފައި އެވެ.
"ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން." ރައީސް ވިދާޅުވި އެވެ.
ރައީސް އިއްޔެ ވަނީ ރާއްޖޭގައި އާންމުވެފައިވާ ވޭޕް ވެސް އަންނަ މަހުގެ 15 އިން ފެށިގެން މަނާކުރަން ނިންމައިފަ އެވެ.