ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރުގެކަމުގެ މަގާމަށް އާއިޝަތު އަޒީމާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އޭނަ އެ މަގާމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އިއްޔެ އެވެ.
އެގޮތުން މިއަދު އެ މައްސަލަ ދިރާސާ ކުރަން ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އަޒީމާއާ އިންޓަވިއު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅުއްވައި ތާއީދު ވެސް ލިބިފައިވެ އެވެ.
އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ނިންމެވީ މިހާރު އިންޑިއާ ސަފީރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގަ އެވެ. އޭނަ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު 2022 ގަ އެވެ.
އަޒީމާ އަކީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އޭނަ އަދާކުރެއްވި އެވެ.
އޭނަ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ 1988 އިން ފެށިގެންނެވެ.
އަޒީމާ އިންޑިއާ ސަފީރަކަށް އައްޔަންކުރުމަށް ފޮނުވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރު ބަދަލު ކުރަން ރައީސް މި ނިންމެވީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައި ވަނިކޮށެވެ.