Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

މުދަލު ޒަކާތުން ބޮލަކަށް 4،000ރ. ބަހައިފި

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް މުދަލު ޒަކާތުން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބޮލަކަށް 4،000ރ. މަގުން ބަހައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އާންމުކުރި މިދިޔަ މަހު ތަފާސްހިސާބުތައް ދައްކާ ގޮތުން މުދަލު ޒަކާތަށް 12.7 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.

މި އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް އެންމެ ގިނައިން ބޮލަކަށް ބެހި އަހަރެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުން ޖުމްލަ 3،183 މީހަކަށް، ބޮލަކަށް 4،000ރ. ބަހާފައިވެ އެވެ. މިދިޔަ އަހަރު ބޮލަކަށް ބެހީ 3،500ރ. އެވެ.

މިދިޔަ މަހު މުދަލު ޒަކާތަށް މިދިޔަ މަހު 8.7 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ ފެށުނު ފަހުން އެ މަހުގެ ނިޔަލަށް މުދަލުގެ ޒަކާތަށް 82.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައިވެ އެވެ.

މިހާރު މުދަލު ޒަކާތުގެ ނިސާބަކީ 9240.35ރ. އެވެ. އެ ބަދަލު ގެނައީ މި މަހުގެ 10 ގަ އެވެ.