Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ހަރަދު ކުޑަކުރަން 228 ސިޔާސީ މުވައްޒަފަކު ވަކި ކުރަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މަގާމުތަކުން 228 ފަރާތެއް ދުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރަން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން އަންގަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަރަދު ކުޑަކުރަން މިފަދަ ފިޔަވަޅެއް ރައީސް އަޅުއްވާފައިމިވަނީ، ރާއްޖެއިން މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަން އަދިވެސް ނުފަށާތީ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކުރެވޭ ކުންފުނި — ފިޗް ރޭޓިން އާއި މޫޑީސް އިން ދާދިފަހުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ އެކު ރޭޓިން ރަނގަޅުވާނެ ކަމަށް ބުނެފަ އެވެ.