Last Updated: April 17, 22:54
Thursday, April 17, 2025
ޚަބަރު

ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާއެއް

މިއަހަރު ފެބްރުއަރީ މަހު ހުޅުމާލޭ އުތުރު ފަރާތު ފަރަށް އެރި ޓަގުބޯޓާއި ހިލަ ބާޖު އޮޕަރޭޓް ކުރަމުން ދިޔަ ފަރާތް 29 މިލިއަން އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓަގު "އަނަންދި" އާއި ބާޖު "އޭއެމް މަނުމިތު" ހުޅުމާލެ ފަރަށް އަރާފައިވަނީ ފެބްރުއަރީ 21 ގައި ކަމަށާއި އެ އުޅަނދުތައް ފަރުމަތިން ނަގާފައިވަނީ އޭޕްރީލް 23 ގައި ކަމަށެވެ.

ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން މި އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސަރވެޔަރުންނާއެކު ޖޮއިންޓް ސަރވޭއެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ސަރވޭއިން ދައްކާގޮތުގައި އެ ސަރަޙައްދުގެ 1159 އަކަ މީޓަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ.

ހުޅުމާލޭގެ އުތުރުފަރާތު ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅުނު ޖޫރިމަނާގެ ޢަދަދަކީ 29,201,946ރ. ކަމަށާއި މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އެ އުޅަނދުތަކުގެ އޮޕަރޭޓަރ ކަމަށްވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް އަންގާފައިވާނެ ކަމަށް އީޕީއޭ އިން ބުނެ އެވެ.