ނެތުމުގެ ތެރެއިން މާތްﷲ އިންސާނުން ހެއްދެވި ހަމައެކަނި ބޭނުމަކީ އިޚްލާސްތެރިކަމާއެކު އެކަލާނގެއަށް އަޅުކަން ކުރުމެވެ. މާތްﷲ އިންސާނުން ހެއްދެވި މަޤްސަދު ބަޔާންކުރައްވައި الذاريات ސޫރަތުގެ 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެ އެވެ.
“وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ”
މާނައީ: “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”
އެހެން ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި އުޚުތުން މިކަން ހަދާންނައްތާލައި ގިނަ ވަގުތު ކުޅިވަރާ މަޖަލުގެތެރޭގައި، އުޅެމުންދާތީއެވެ. އަދި ނަންގަންނަމެވެ، މާތްﷲ އުޑާއި ބިން ޚަލްޤު ކުރެއްވީ އަޅުގަޑުމެން ކުޅިވަރުކުޅެ ހީ، ސަމާސާކޮށް މަޖާ ކުރާކަށް ނޫނެވެ. ކީރިތި ޤުރުއާނުގެ الأنبياء ސޫރަތުގެ 16 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަ އެވެ
“وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ”
މާނައީ: ”ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެ.”
ކަންއޮތީ މިހެންކަމުގައިވީއިރު އުޑާއި ބިމާއި އެދެމެދުގައި ވާހައިތަކެއްޗެއް ހެއްދެވި ޙަޤީޤީ މަޤްސަދު ހަނދާން ނައްތާލައި، ބޭކާރު ގޮތުގައި ކުޅިވަރުކުޅެ ހީ ސަމާސާކޮށް ހަދައި އުޅުމަކީ ޖާހިލުކަން ނޫން ދެން ކޮން އެއްޗެއްތޯ އެވެ؟
ކީރިތި ރަސޫލާ صلى الله علىه وسلم ގެ ޙަދީޘް ފުޅެއްގެ މާނައިގައިވެ އެވެ.
“ތިމަން ކަލޭގެފާނަށް އެނގިލައްވާއެއްޗެހި ތިޔަބައިމީހުންނަށް އެނގޭކަމުގައި ވަނީ ނަމަ ތިޔަބައި މީހުން ހުނީހީ މަދުންނެވެ. އަދި ވަރަށް ގިނައިން ތިޔަބައި މީހުން ރޮއެ ހަދާނެތެވެ”
ޙަސަން އަލް ބަސަރީ އަކީ މީގެ ޒަމާންތަކެއް ކުރިން އުޅުއްވި ޢިލްމުވެރިއަދި އެހާމެ އަޅުވެރި ބޭކަލެއްގެ އިތުރުން މީހުންގެ އިޙްތިރާމާއި ލޯބި އެންމެ ފުރިހަމަގޮތުގައި ލިބިލެއްވި ބޭކަލެއްވެސްމެއެވެ. މަރުމަތީންނާއި އަދި ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ މަތީން ގިނަގިނައިން ހަނދުމަކޮށް އުޅުއްވުމަކީ އެކަލޭގެފާނުގެ އާދައެވެ. އެހެންކަމުން ހީ ސަމާސާ ކުރުމަކީ އެކަލޭގެފާނު މާގަޔާވެ ވަޑައިގަންނަވާ އަދި އެހާ ކުރައްވާހިތްވާ ކަމެއްނޫނެވެ.
މިގޮތުން އެއްދުވަހަކު މަގުމަތީގައި ހުރި ޒުވާނަކު މާގަދަޔަށް ހީ ސަމާސާކޮށް ހަދާތަން ފެނިވަޑައިގެން އެތަނުގައި މަޑު ކުރެއްވިއެވެ. އަދި އެމަންޒަރު ބައްލަވަން ހުންނަވާފައި އެޒުވާނާގެ ކައިރިއަށް ދުރުވެ ސުވާލު ކުރެއްވިއެވެ. އޭ ޒުވާނާއެވެ، ކަލޭ ޞިރާތުމަގު ހުރަސްކުރީތޯއެވެ؟ ކަލޭ ވަންނާނެ ތަނަކީ ސުވަރުގެކަން ފަހެ ކަލެއަށް އެނގުނީތޯއެވެ؟ ޒުވާނާ ޖަވާބުގައި ނޫނެކޭ ބުނުމުން ދެންނެވިއެވެ. އެހެން ކަމުގައިވަނީ ނަމަ ކަލޭ މާގިނައިން ހީ ސަމާސާކޮށްތިހަދަނީ އަޅެފަހެ ކޮން އުފަލެއް ކަލެއަށް ޙާޞިލްވެގެންތޯ އެވެ؟
އަޚުންނާއި އުޚްތުންނޭވެ، ދުނިޔޭގެ ދިރިއުޅުމުގެ ވަގުތަކީ ދާދި ކުޑަ ވަގުތުކޮޅެކެވެ. އެވަގުތުކޮޅަކީ އަޅުގަނޑުމެންގެ ކުޅިވަރާ މަޖަލުގެ ވަގުތުކޮޅަކަށް ނަހަދަމާތޯ އެވެ؟ ޙަޤީޤީ އަރާމާއި ލައްޒަތާއި ހުނުމުގައި އުޅެން އޮތްތަކަނީ މަތިވެރިވެގެންވާ ސުވަރުގެ އެވެ. ޙަޤީޤީ މުއުމިނުން ހޭން ފަށާނީ ކާމިޔާބު ލިބިގެންވާ ޙާލު ޞިރާތު މަގު ހުރަސް ކުރުމަށް ފަހު އެވެ.
މަސްދަރު: ދިސަލަފިއްޔާ