އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް އަވަސް ކުރަން ވެރިކަން ކުރާ ޕީއެންސީން، ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފި އެވެ.
އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 100 އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ ޖޫން މަހު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަށް ގެނައުމަކީ ތާއީދުކުރާ ކަމެއް ކަމަށެވެ.
އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫޙާއި ވިންދާ އެއްގޮތަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ނިންމެވުން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުއިކަމާއެކު ކުރުމަށް ވަނީ ގޮވާލާފަ އެވެ.
މީގެއިތުރުން އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއަށް ލުބުނާނުގެ ރައްޔިތުންނަށް ކުރިމަތިކުރަމުންދާ ކެކުޅުމާއި ވޭންތައް އިތުރުކޮށްފައިވާ މިދަނޑުވަޅުގައި އެ ޢަމަލުތަކާމެދު ނުރުހުން ފާޅުކުރުމަށް ރާއްޖެއިން އަޅަން ރައީސް ނިންމަވާފައިވާ މުހިއްމު ފިޔަވަޅަށް ތާއީދުކުރާ ކަމަށްވެސް ޕީއެންސީން ބުނެފައިވެ އެވެ.