ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނާ އެއްގޮތަށް ޚިދުމަތްތައް ބައްޓަން ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށާއި ހަދިޔާކުރާ ލޭފޮދަކީ ތެލަސީމިއާ ކުދިންގެ ދިރިހުރުމުގެ އުއްމީދު ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްޙީ ފަރުވާއަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް ގޮވާލެއްވި އެވެ.
އިހުގައި ބައެއް އާއިލާތަކުން، ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވާ މައްސަލަ ސައިންސްގެ އަލީގައި ދެނެގަނެވި، އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާ ކަމަށާއި އަދި ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވެ، އެ ފުރުޞަތު ނައްތާލުމަށް، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުމުގެ މުހިންމުކަމާއި، އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަޙައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވި އެވެ. އެގޮތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމަށްވެސް ވިދާޅުވި އެވެ.
ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށާއި ސިއްހީ ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް ރައީސް މުއިއްޒު މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ރަށްތައް ބެހިފައި އޮތްގޮތުންނާއި، ދަތުރުފަތުރު ހަމަޖެހިފައިވާ ގޮތުން ވަރަށް ދަތި އުނދަގުލުގައި، ބަލިތައް ދެނެގަތުމަށް ދަތުރުކޮށްފައި ދުރު ރަށްތަކަށް ދާންޖެހޭ ކަމަށާއި އެހެންކަމުން، ކަމެއް ދިމާވިޔަސް، މާލީ ޙާލަތު ތަންދޭގޮތުންވިޔަސް ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ދަތި އުނދަގޫ ތަޙަންމަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ތަހުލީލު ކުރުމަށް އަމިއްލަ ރަށުގައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން އެ ލުއިފަސޭހަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.