އިޒްރޭލުގެ ހުރިހާ ހިސާބަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރު ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ދީފި އެވެ.
ހިޒްބުﷲ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ނައީމް ގާސިމް ވިދާޅުވީ އިޒްރޭލުން ލުބްނާނުގެ ހުރިހާ ހިސާބަކަށް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށާއި އެހެންކަމުން އިޒްރޭލުގެ ކޮންމެ ހިސާބަކަށް ވެސް ހަމަލާތައް ދިނުމުގެ ހައްގު މިހާރު ހިޒްބުﷲ އަށް އެބައޮތް ކަމަށެވެ.
އިޒްރޭލަށް ހިޒްބުﷲ ޖަމާއަތް ބަލި ނުކުރެވޭނެ ކަމަށާއި އެގައުމަށް މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ހަމަލާތައް ހުއްޓާލުން ކަމަށް ގާސިމް ވިދާޅުވި އެވެ. އިޒްރޭލުން އެގޮތް އިހުތިޔާރު ނުކޮށްފިނަމަ އެގައުމަށް ހަމަލާތައް އަމާޒުކުރުމުގައި ހިޒްބުﷲ ދެމި އޮންނާނެ ކަމަށާއި، އޭރުން އިޒްރޭލު ރައްޔިތުން ކޮންމެ ދުވަހަކު ވެސް އުޅެން ޖެހޭނީ ނުރައްކަލުގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.
ލުބްނާނަށް ކޮންމެ ދުވަހަކު އިޒްރޭލުން ވައިގެ ގިނަ ހަމަލާތައް ދެމުންދާއިރު، މި ހަމަލާތަކުގެ ރައްދުގައި ހިޒްބުﷲ އިން ވެސް އަންނަނީ އިޒްރޭލަށް ހަމަލާތައް ދެމުންނެވެ. އެގޮތުން ދާދިފަހުން އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި އިޒްރޭލު ސިފައިންތަކެއް ވަނީ މަރުވެފަ އެވެ.
އިޒްރޭލުގެ ހަމަލާތައް ލުބްނާނުގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް އަމާޒުކުރަމުންދާއިރު، މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ސިއްހީ ހިދުމަތްދޭ 37 ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން އެގައުމުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ދާދިފަހުން ވަނީ ބުނެފަ އެވެ.