ރާއްޖެ އިޖނ ވޭޕް މަނާކުރި ގޮތަށް މެލޭޝިއާގައި އެކަން ކުރަން ނުޖެހޭ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ޒުލްކިފްލީ އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕްރިންސް ކޯޓް މެޑިކަލް ސެންޓަރުގެ ޗެޓްބޮޓް ޕްރޮގްރާމްގެ "ޖޮމްކްއިޓް" ޕޯޓަލްގެ އެންމެ ފަހުގެ ވާޝަން ލޯންޗްކުރަން އިއްޔެ ބޭއްވި ޕްރެސް ކޮންފެރެންސްގައި ބައިވެރިވެވަޑައިގެން މެލޭޝިއާގައި ވޭޕް މަނާކޮށްފާނެތޯ ކުރެވުނު ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ވޭޕް މަނާކުރަމުން އަންނަ ގައުމުތަކަށް ނަމޫނާއަކަށް ބަލައިގެން މެލޭޝިއާ އިން އެކަން ކޮންމެހެން ކުރަން ޖެހޭ ކަމަށެވެ.
އޭގެ ބަދަލުގައި އެ ގައުމުގައި އިސްކަން ދޭންވީ ދުންފަތާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގާނޫނަށް މިހާރު ގެނެސްފައި ހުރި ކަންކަން ތަންފީޒު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ ކޮންމެހެން އަހަރެމެން ނުޖެހޭ ރާއްޖެ ކަހަލަ ގައުމުތަކަށް މިސާލަކަށް ބަލައިގެން ވޭޕް މަނާކުރާކަށް،" މިނިސްޓަރު ވިދާޅުވ އެވެ. "މިހާރު ދުންފަތުގެ ގާނޫނަށް ގެނެސްފައި ހުރި އިސްލާހުތަކަކީ އެ ގާނޫނު ޑްރާފްޓްކުރޮި މަރުހަލާގެ ތެރޭގައި ވެސް މުޅި ދުނިޔޭގައި އަމަލު ކުރަމުން އަންނަ އެންމެ ރަނގަޅު ގޮތްތަކަށް ރިއާޔަތްކޮށްގެން އެކުލަވާލާފައިވާ އޮތް ގާނޫނެއް. އެހެންވީމަ މިހާރު ކުރަންވީ ތަންފީޒީ އިދާރާތަކުން އެ ގާނޫނު ފުރިހަމަ އަށް ތަންފީޒު ކުރަން ފެށުން."
ޒުލްކިފްލީ ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރަން މެލެޝިއާގައި އެކުލަވާލާފައި އޮތް ގާނޫނަކީ ވަރަށް ފުރިހަމަ ގާނޫނެއް ކަމަށެވެ. އެހެންވެ އެ ފުރިހަމަ އަށް ތަންފީޒު ކުރަން ފެށުމުން ދުންފަތާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމީ ހޯމަ ދުވަހު އެވެ. އެގޮތުން އަންނަ މަހުގެ 15 އިން ފެށިގެން ވޭޕްގެ މުއާމަލާތްތައް ރާއްޖޭގައި މަނާވާނެ އެވެ. ރާއްޖެ އިން ވޭޕް މަނާކުރަން ނިންމުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް މަރުހަބާ ކިޔާފައިވެ އެވެ.