އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަން ސޮއިކުރި އާ ފިލްމުގެ ނަމަކީ "ދަރުވާޒާ" ކަމަށާއި އޭގެ ޝޫޓިން މި މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އާއިލީ ގުޅުންތަކެއްގެ މައްޗަށް ހަދަން ނިންމާފައިވާ މި ލައިޓްހާޑެޓް ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ގޯއާގައި ކަމަށެވެ. "ކްއީން" އާއި "ސުޕަ 30" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކުރާ "ދަރުވާޒާ" ގެ ކާސްޓްގައި ޒުވާން ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި ވަމީގާ ގައްބީ ވެސް ހިމެނެ އެވެ.
ޖަޔާއާ އެކީ ވިކާސް އަލަށް ފިލްމެއްގެ މަސައްކަތްކުރާ އިރު، އޭނަ އަމީތާބާ އެކީ ދެ ފިލްމެއް ގެނެސް ދީފައިވެ އެވެ. 2022 ގެ "ގުޑްބާއި" އާއި މިދިޔަ އަހަރުގެ "ގަނަޕަތު" އެވެ.
މިހާރު ވަރަށް މަދުން ފިލްމުތައް ކުޅޭ ޖަޔާގެ އެންމެ ފަހުގެ ފިލްމަކީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ މިދިޔަ އަހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.
ހަތްދިހައިގެ ތެރޭގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ޖަޔާ، 76، އަކީ މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެންބަރެކެވެ.