ރާއްޖޭގެ މަންޓް ބޭންކުން ފަސް ދާއިރައަކަށް ސަމާލުކަން ދީގެން މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކުން އުގްތިސާދީ ތަރައްގީގެ ޕްލޭންގައި ހިމެނޭ އެކި ސިނާއަތްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ. އެގޮތުން އެތަނުން އެންމެ އިސްކަން ދޭނެ ފަސް ދާއިރާ އަކީ ހަކަތަ އާއި ކާބޯތަކެތީގެ ޔަގީންކަން އަދި އަގުތައް ހިފެހެއްޓުމާއި ވަޒަންވެރިކަމާއި ބޯހިޔާވަހިކަމާއި ތިމާވެށި ހިމާޔަތްކުރުމާއި ޓޫރިޒަމް އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކާއި ކަނޑުގެ މަންފާ އާއި ކަނޑާއި ގުޅިފައިވާ އިގުތިސާދީ ހަރަކާތްތަކެވެ.
ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް މެދުވެރިކޮށް ރާއްޖޭގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓްތައް އިތުރުކޮށް، ޖުމްލަ ގޮތެއްގައި ރާއްޖޭގެ މާލީ ނިޒާމު މެދުވެރިކޮށް ލިބެންހުރި ޑޮލަރުގެ އަދަދު ވެސް އިތުރު ކުރެވޭނެ ކަމަށެވެ. އަދި އިގުތިސާދު އިތުރަށް ސިންދަދަފާތި ކުރެވި، ޑިވެލޮޕްމަންޓް ބޭންކުގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވުމުން ދައުލަތުގެ ރިޒާވަށް ވެސް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ކޮމާޝަލް ބޭންކިންގެ ފައިސާ ޖުމްލަ ގޮތެއްގައި ކުރު އަދި މެދު ރާސްތާގެ ދަރަންޏަށް އަމާޒުވި ނަމަވެސް ޑިވެލޮޕްމަންޓް ބޭންކުން ފައިސާ ހަމައެކަނި ދަރަނީގެ ގޮތުގައި ދޫކުރުމުގެ ބަދަލުގައި މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށް ދޭނެ އާ ގޮތްތަކެއް ތައާރަފްކުރާނެ އެވެ.
އޭގެ ތެރޭގައި އިކުއިޓީ ފައިނޭންސް، ފަންޑުތައް، ސިންޑިކޭޝަން، ރިސްކް އިންޝުއަރެންސް ހިމެނޭނެ އެވެ.
ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިންސަންސް ދޫކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ބޭންކް ސަރުކާރުން އުފެއްދީ މި އަހަރުގެ މެއި 16 ގަ އެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯ އަކީ އިނގިރޭސިވިލާތުގެ ނޮއެލް ގްރެގާ އެވެ. އަދި ޗެއާޕާސަނަކީ ސިންގަޕޫރުގެ އަރޫނީ ގުނިޓެލެކީ އެވެ.