ޓެކްސްތަކެއް ބޮޑުކުރާ އިރު ދައުލަތުން އިސްރާފު ކުޑަނުކުރާ ކަމަށް ވިދާޅުވެ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ޓީޖީއެސްޓީ އާއި ޑިޕާޗާ ޓެކްސް އަދި ގްރީން ޓެކްސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދ. މީދޫ ދާއިރާގެ މެންބަރު ވިދާޅުވީ ވިދާޅުވީ، މިހާރު ވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ޓެކްސް ނަގަމުން އަންނަ ކަމަށެވެ.
"ޓެކްސް ނަގަމުން ގޮސް މިއަދު މި ވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޓެކްސް ނަގާ ގައުމުތަކުގެ ތެރޭގައި. މި ގައުމަށް ލާރި ވެސް ލިބޭ،" ސިޔާމު ވިދާޅުވި އެވެ. "މި ގައުމަކީ ސައުތު އީސްޓް އޭޝިއާގައި އޮތް އެންމެ ހަގީގަތުގައި ބުނާނަމަ އެންމެ މުއްސަނދި ގައުމު ވެސް މެ، ޓެކްސްގެ ބޮލަކަށް ޖެހޭ މިންވަރުން ބަލާ ނަމަ."
އޭނަ ވިދާޅުވީ ރާއްޖޭގެ ޓެކްސް ރޭޓުތައް ހުރީ އެންމެ ތަރައްގީ ގައުމުތައް ކަމަށްވާ ސިންގަޕޫރާއި ޔޫއޭއީ ފަދަ ގައުމުތަކާ އެއް ފެންވަރުގައި ކަމަށާއި މައްސަލައަކީ ޓެކްސްތައް ކުޑަވުން ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ަސްބިލިއަން ޑޮލަރު ލިބޭ ކަމަށްވަންޏާ ދެ ބިލިއަން ޑޮލަރު ކަނޑަށް އަޅާކަމަށްވަންޏާ އަޅުގަނޑުމެން މި ޓެކްސް އިތުރަށް 10 ގުނަ ދެއްކިޔަސް 100 ގުނަ ޖެއްސިޔަސް، 1،000 ގުނަ ޖެއްސިޔަސް އިއްޒަތްތެރި ރައީސް މިއަކުން ކުރާނެ ރާހަތެއް ނޯންނާނެ،" ސިޔާމު ވިދާޅުވި އެވެ. ""އަޅުގަނޑުމެން ކުރަންވީ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންގެ ޚަރަދުތައް ކުޑަކުރުން."
އޭނަ ވިދާޅުވީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުން ވެސް އެތައް ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ. އަދި ފްކޯއިން އެކަނި ވެސް މިދިޔަ އަހަރު ފަސް ބިލިއަން ރުފިޔާގެ ގެއްލުންވި އިރު، މޯލްޑިވިއަންއަށް ވެސް އެއް ބިލިއަން ޑޮލަރެއްހާ ފައިސާގެ ގެއްލުންވި ކަމަށް ވިދާޅުވި އެވެ. އަދި އެއީ، ރައްޔިތުންގެ ޓެކްސް ފައިސާ ކަނޑަށް އަޅާލުން ކަމަށް ސިޔާމް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން އިތުރަށް ކިތަންމެ ޓެކްހެއް ނެގިޔަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރުން މިހާރަށް ކުރަންޖެހޭ ކަމަކީ ކޮބައިތޯ؟ މި ހިންގާ ޖަރީމާ ކުންފުނިތައް ހުއްޓައިލުން، ވަގުތުން ހުއްޓާލުން. މިއީ ހުސް ޖަރީމާ ހިންގާ ކުންފުނިތައް. މިއީ ހުސް ވައްކަންކުރާ ކުންފުނިތައް."