ސަރުކާރުން މިހާރު ގެންގުޅޭ ބައެއް ސިޔާސަތުތަކާ ހެދި ގައުމުގެ ކުރިމަގު ފެންނަނީ އަނދިރިކޮށް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ސަރުކާރުން ހާމަނުކުރުމާއި ޓެކްސްތަކެއ2ް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީ ކަންބޮޑުވުން ފާޅުރައްވައި މޭޔަރު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރުކޮށްގެން ތިބެ، ޓެކްސް ބޮޑުކުރަން ނިންމުމަކީ އިތުބާރު ހިފޭނެ ސިޔާސަތެއް ނޫން ކަމަށެވެ.
"އަދި ސިޔާސީ މަގާމުތައް މަދުކުރާނަމޭ ވިދާޅުވިޔަސް އެކަން ނުކުރެވޭނެކަމީ ހާމަކަން ބޮޑު ހަގީގަތެއް،" ނިޒާރު ވިދާޅުވި އެވެ. "ސިއްރުވެރި ހަމަތަކުން ގައުމު ހިންގުމަކީ ގައުމު ހަލާކުވެދާނެ ކަމެއް. އަދި ފެންނަނީ ކުރިމަގު އަދިރިކޮށް."
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރުކުރުމަށް ފަހު ޓެކްސް ބޮޑުކުރަން ނިންމުމަކީ އިތުބާރު ހިފޭނެ ސިޔާސަތެއްނޫން. އަދި ސިޔާސީ މަގާމުތައް މަދުކުރާނަމޭ ވިދާޅުވިޔަސް އެކަން ނުކުރެވޭނެކަމީ ހާމަކަން ބޮޑު ހަގީގަތެއް. ސިއްރުވެރި ހަމަތަކުން ގައުމު ހިންގުމަކީ ގައުމު ހަލާކުވެދާނެ…
— Ali Nizar (@DhekunuNizar) October 16, 2024
މި ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އެ އަދަދު މިހާރު 7،000 އަށް އަރާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.
ނަމަވެސް ސަރުކާރުން ދަނީ ސިޔާސީ މަގާމުތަކުގެ ސީދާ އަދަދު ހާމަކުރަން ދެކޮޅު ހަދައި، އިދިކޮޅުން ދައްކާ ވާހަކަތައް ދޮގު ކުރަމުންނެވެ. ސަރުކާރުން މިހާރު ވަނީ ހަރަދުތައް ކުޑަރަން 228 ސިޔާސީ މަގާމު މަދުކުރަން ނިންމައިފަ އެވެ. މީގެ ތެރޭގައި ހިމެނީ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނެެވެ.
ސަރުކާރުން މިހާރު އަންނަނީ ތިން ޓެކްހެއް ބޮޑުކުރަން މަސައްކަތް ކުރަމުންނެވެ. އެއީ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓް ޓެކްސް އެވެ.