ރާއްޖޭގެ އިމާމުންނަށް ކުވައިތުން އަރަބި ކިޔަވަން ލިބުނު ފުރުސަތުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމަށް ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ފެބްރުއަރީން ޖޫން އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އިމާމުންނަށް މިހާރު ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ތިން މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެއީ ކުވައިތުގައި ތިބެގެންނާއި އޮންލައިކޮށެވެ. މިނިސްޓްރީން ބުނީ ކުވައިތަށް ދާން ޓިކެޓާއި ވިސާ ހަރަދު ހަމަޖައްސަން ޖެހޭނީ އަމިއްލަ އަށް ކަމަށެވެ.
ނަމަވެސް ކުވައިތުގައި ތިބުމާއި ކެއުމާއި އެހެނިގެން ހަރަދުތައް އެ ގައުމުން ހަމަޖައްސައި ދޭނެ އެވެ.
މިނިސްޓްރީން ބުނީ އިމާމުންނަށް ހުޅުވާލި އަރަބި ދަސްކުރާ ޕްރޮގްރާމަށް ބައިވެރިން ހޮވާނީ އަންނަ މަހު ބާއްވާ އިިންޓަވިއުތަކަކަށް ފަހު ކަމަށެވެ.
މިއީ ކުވައިތުގެ އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭހެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.