Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ޑްރަގާ އެކު އިންޑިއާގެ ދެމަފިރިއަކު ހައްޔަރަށް

ދެ ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެމަފިރިއަކު ރާއްޖެ އިން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ މުހައްމަދު ޝޯއިބް، 41، އާއި އޭނަގެ އަންހެނުން އައިޝާ، 38، އެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ތިން ދުވަހުގެ މުއްދަތެއް ޖަހާފައިވާ އިރު، ކޯޓު އަމުރުގައި ބުނެފައިވަނީ އެހާ ކުރު މުއްދަތެއް ދިނީ ތަރުޖަމާނަކު ހަމަޖެހިފައި ނުވާތީ ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނިފައިވަނީ އެ ދެމަފިރިން ރާއްޖެ އައިއިރު ގެނައި ލަގެޖުންނެވެ.

ކޯޓު އަމުރުގައި ބުނީ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަން އެނގޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނޭ ކަމަށް ވެސް އަމުރުގައިވެ އެވެ.

އަމުރުގައި ބުނީ އެ ފަރާތްތަކަށް ވަކީލެއްގެ ފުރުސަތު އޮތް ކަމަށް އެ ފަރާތަށްއަންގާފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތް ފެށި ހިސާބާ ހަމައަށް ވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ކޯޓުން ބުންޏެވެ.