Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު

ފެނަކަ ބްރާންޗެއްގެ ކުރީގެ މެނޭޖަރަކަށް ދައުވާ ކުރަނީ

ފެނަކަ ކޯޕަރޭޝަނުގެ ބްރާންޗެއްގެ އެސިސްޓަންޓް މެނޭޖަރަކަށް ދައުވާ ކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވީ ލ. ގަމު މަތިމަރަދޫ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ނަސްރުﷲ އަބްދުﷲ އަށެވެ. އޭސީސީން ވިދާޅުވީ 2019 ގައި އެ ބްރާންޗު ހިންގުމާ އެ ދުވަސްވަރު ނަސްރުﷲ މަމަގާގެ ނުފޫޒު ބޭނުންކޮށްގެން ޢާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައި ދީފައިވާ ކަމަށެވެ.

އެ މައްސަލާގައި އަ ނާއަށް ކޮރަޕްޝަނުގެ ދަޢުވާކޮށް ދިނުމަށް ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ 29 ގަ އެވެ.

އޭސީސީން ބިނީ 2019 ގައި ފެނަކަ އިން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ނަޞްރުﷲގެ ޢާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެ މަސައްކަތް ހަވާލުކުރީ ފެނަކައިގެ މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރާ ގަވާއިދާ ޚިލާފަށް، ޢާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަންއަށް އެންގުމެއް ނެތި ކަމަށް އޭސީސީން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން މަސައްކަތް ނިންމިކަން ކަށަވަރު ނުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި ނަޞްރުﷲ އެދިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެހެންވެ އޭނަ އަމަލުކޮށްފައިވާ ގޮތަށް ބަލާ އިރު މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދީފައިވާކަން ތަހުގީގިން ހޯދާފައިވާ ހޯދުންތަކުން އެނގޭކަމަށް އޭސީސީން ބުންޏެވެ.