އުރަމަތީގެ ކެންސަރު ރާއްޖޭގައި އިތުރުވެފައިވާތީ އުމުރުން 40 އަހަރުން މަތީގެ އަންހެނުން ގަވައިދުން އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް ފަސްޓްލޭޑޫ ސާޖިދާ މުހައްމަދު އެދިވަޑައިގެންފި އެވެ.
އުރަމަތީގެ ކެންސަރާ ހޭލުންތެރިކުރުމަށް އެސްޓީއޯ މެޑިކަލް ސާވިސަސް އާއި އައިޖީއެމްއެޗް އަދި އެސްޓްރާ ޒެނެކާއާ ގުޅިގެން ކުރިއަށް ގެންދާ މި ސިމްޕޯޒިއަމް ފެށުމށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި އެކަމަނާ ވިދާޅުވީ އުރަމަތީގެ ކެންސަރު ހުރިތޯ ދެނެގަތުމަށް ހަދާ މެމޮގްރާމް ހެދުން ވަރަށް މުހިއްމު ކަމަށެވެ.
ސާޖިދާ ވިދާޅުވީ ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހުން އިތުރުވެފައިވާތީ މިއީ އަންހެނުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
އެ ކަމަނާ ވިދާޅުވީ ރާއްޖޭގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުން އިތުރުވެފައިވާތީ ހާއްސަކޮށް މިވައްތަރުގެ ކެންސަރަށް އާންމުން ހޭލުންތެރިކު ރުވުމަށް ކުރާ މަސައްކަތްތައް މިހާރަށް ވުރެ އިތުރު ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ކެންސަރު ހުރިތޯ ވީހާ ވެސް އަވަސް އަވަހަކަށް ބަލައި ބަލީގެ ކުރީކޮޅު ފަރުވާއަށް ވަރަށް ބޮޑު އިސްކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގޮވާލަން ހުރިހާ ދިވެހި އަންހެނުންނަށް މެމޮގްރާމެއް ހައްދަން. އަވަހަށް އުރަމަތީގެ ކެންސަރު ހުރިކަން ދެނެގަނެވިއްޖެނަމަ، އަވަސް ފަރުވާއިން ބަލިން ފަސޭހަވާ މިންވަރު ބޮޑުވޭ". ސާޖިދާ ވިދާޅުވި އެވެ.
އެ ކަމަނާ ވިދާޅުވީ މިހާރު އައިޖީއެމްއެޗްގައި ތުރީޑީ މެމޮގްރާމް ހެދޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާތީ ރާއްޖެއިން ބޭރަށް ނުގޮސް އެކަން ކޮށްލެވެން އޮތުމަކީ ފަސޭހައެއް ކަމަށެވެ. އަދި ކެންސަރު ބަލީގެ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކީމޯތެރަޕީގެ ހިދުމަތް ވެސް މިހާރު ރާއްޖެ އިން ލިބެން ހުރުމަކީ ވަރަށް ބޮޑު ލުއެއް ކަމަށް ވިދާޅުވި އެވެ.