Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އޭއީއެޗް "ގޮނޑުކަމުން" ކަންބޮޑުވުން ފާޅުކޮށްފި!

އައްޑޫ އިކްއެޓޯއަރިއަލް ހޮސްޕިޓަލް އޭއީއެޗް) ކުނިގޮނޑަކަށް ހަދާފައިވާ ކަމަށް ބުނެ އާންމުންގެ މީހަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުނިފުނިތަކުގެ ފޮޓޯތަކާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް ހިތަދޫ މީހަކު ބުނީ އޭއީއެޗުން އެކަށީގެންވާ ގޮތަށް ކުނީގެ މައްސަލަ މެނޭޖްކުރަމުން ނުކުރާތީ، އައްޑޫގެ މައި ކުނިގަނޑަށް ވުރެ ވެސް އޭއީއެޗްގެ ގޮނޑުކަން މިހާރު ބޮޑު ކަމަށެވެ.

އެގޮތުން އައްޑޫގެ ޒުވާނުން އާންމުކޮށް ރޭސް ޖަހާ މަގާވީ ފަޅިން ހޮސްޕިޓަލްގެ ގޯތި ތެރޭގައި އޮތް ފެންގަނޑުގެ ތެރޭގައި ވެސް މިހާރު އޮތީ ހުސް ޕްލާސްޓިކް ކޮތަޅާއި ކަރުދާސްފޮށިގަނޑުތަކާއި އަދި އެ ނޫން ވެސް އެތައް ބާވަތެއްގެ ކުނި ކަމަށް އެ މީހާ ބުންޏެވެ.

އަދި ހޮސްޕިޓަލްގެ އިމާރާތުގެ ގޯތިތެރެއަށް ކުނިތައް ނެރޭތާ އެތައް ދުވަހެއްވެފައިވާ އިރު، ކުނި ފުނި އުސްވަމުންދާކަން ވެސް އޭނާ ފާހަގަކުރި އެވެ. އެހެންވެ މިކަމާ ހެދި ހޮސްޕިޓަލްގެ ގޯތިތެރެ އާއި އެ ސަރަހައްދުން މިހާރު ވަރަށް ނުބައި ވަސް ދުވާ ކަމަށާއި މިހާރު ސަރަހައްދު އޮތްލެއް ގޮނޑުކަމުން ހޮސްޕިޓަލްގެ ސާފު ތާހިރުކަމާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް ވެސް އެ މީހާ ބުންޏެވެ.

އޭނަ ބުނީ މިކަމާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އެކި މީސްމީހުން ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ އެކިއެކި ބޭފުޅުންނާ މި ވާހަކަ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން މިކަމުގައި މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށް، މިއީ ހޮސްޕިޓަލަކުން ކުރާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ބުންޏެވެ.

ކަންބޮޑުވުން ފާޅުކުރި މީހާ ބުނީ ހޮސްޕިޓަލަކީ ބަލިވެގެން ފަރުވާ ހޯދަން ތާ ތަނަކަށްވާ އިރު، އޭއީއެޗް ގޮނޑުކަމުން މިހާރު މީހުން ބަލިވާ ހިސާބަށް އެތަނުގެ ގޮނޑުކަން ބޮޑުވެފައިވާ ކަމަށެވެ.