ފާފަތަކަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ނަޒަރުގައި ވަރަށް ވެސް ކުޑަ ކުޑަ ކަމެކެވެ. އެއީ ނޭފަތުގައި ޖައްސައިލާ މެއްސެއް ފައްސާލުމަށް ވުރެ ފަސޭހަ ކަމެއް ކަމުގައި އެބައި މީހުން ދެކެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކުރީގައި އިސްވެދިޔަ ޞާލިޙު އަޅުން ފާފަތަކާއިމެދު ދެކެވަޑައިގެންނެވީ އެފަދައަކުން ނޫނެވެ. އެހެނެއް ކަމަކު އެބޭކަލުން ފާފަތައް ދެކެވަޑައިގެންނެވީ އެބޭކަލުންގެ ބޯތައް މަތީގައި ވާ ބިޔަ ފަރުބަދައެއްގެ ގޮތުގަ އެވެ.
ކޮންމެ ހިނދަކު ވެސް އެ ފަރުބަދަ ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރުވެރިކަން ހިތުގައި ގަދަވެފައިވި އެވެ. އެހެންކަމުން ތައުބާވެ ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެ ބޭކަލުން އަވަސްވެ ވަޑައިގެންނެވި އެވެ.
ތިރީގައި މި ބަޔާންކުރަނީ ފާފަކުރަމުން ދިޔަ މީހަކު ޞާލިޙު އަޅެއްގެ އަރިހުން ނަސޭހަތަކަށް އެދުނު ހިނދު އެ ބޭކަލަކު ދެއްވި ނަސޭހަތެވެ.
އިބްރާހީމް ބުނު އަދްހަ ގެ އަރިހަށް މީހަކު އަ އެވެ. އަދި ދެންނެވިއެވެ. އޭ އިބްރާހީމެވެ! އަހަރެން ވަނީ ފާފައާއި އުރެދުމުގެ ތެރޭގައި ފީނައި، އަމިއްލަ ނަފްސަށް އަނިޔާވެރިވެފައެވެ. ފަހެ އަހަންނަށް ނަސޭހަތެއް ދެއްވާށެވެ!
އިބްރާހީމް ވިދާޅުވިއެވެ. އަހަރެން ތިބާއަށް 5 ކަމަކަށް ނަސޭހަތް ދެމެވެ.
އެ މީހާ: ފުރަތަމަ ކަމަކީ ކޮބައިތޯ؟
އިބްރާހީމް: ﷲ ގެ ރިޒްޤުން ނުކައި ހުރެ ﷲ އަށް އުރެދޭށެވެ.
އެ މީހާ: އޭ އިބްރާހީމެވެ! އެއީ ކިހިނެއްތޯއެވެ! އެއިލާހަކީ ރިޒުޤު ދެއްވާ އިލާހެވެ.
އިބްރާހީމް: ތިބާއާ މެދު ޢަޖާއިބު ވެއެވެ. ﷲ ދެއްވި ރިޒުޤުން ކައި އުޅޭއިރު އެއިލާހަށް އުރެދެނީ ހެއްޔެވެ؟
އެ މީހާ: ދެވަނަ ކަމަކީ ކޮބައިތޯ؟
އިބްރާހީމް: ތިބާ ﷲގެ ބިމުގައި ނޫޅޭށެވެ. އެއަށްފަހު އެއިލާހަށް އުރެދޭށެވެ
އެ މީހާ: އޭ އިބްރާހީމެވެ! އެއީ ކިހިނެއްތޯއެވެ! އުޑުތަކާއި ބިންތަކުގެ މިލްކުވެރި ފަރާތަކީ އެއިލާހެވެ!
އިބްރާހީމް: ތިބާއާ މެދު ޢަޖާއިބު ވެއެވެ. ﷲ ދެއްވި ރިޒުޤުން ކައި، އެއިލާހުގެ ބިމުގައި އުޅޭއިރު އެއިލާހަށް އުރެދެނީ ހެއްޔެވެ؟
އެ މީހާ: ތިންވަނަ ކަމަކީ ކޮބައިތޯ؟
އިބްރާހީމް: ތިބާ ﷲ އަށް ފެނިވޮޑިނުގަންނަވާނޭ ހިސާބަކަށް ދާށެވެ! އެއަށްފަހު އެއިލާހަށް އުރެދޭށެވެ.
އެ މީހާ: އޭ އިބްރާހީމެވެ! އެއީ ކިހިނެއްތޯއެވެ! އެއިލާހަކީ ހުރިހާތަނެއް ދެކެ ދެނެ ވޮޑިގެންވާ އިލާހެވެ.
އިބްރާހީމް: ތިބާއާ މެދު ޢަޖާއިބު ވެއެވެ. ﷲ ދެއްވި ރިޒުޤުން ކައި، އެއިލާހުގެ ބިމުގައި އުޅެ، އަދި ތިބާ ކުރާހާކަމެއް އެއިލާހު ދެކެވޮޑިގަންނަވާ ޙާލުގައިވެސް އެއިލާހަށް އުރެދެނީ ހެއްޔެވެ؟
އެ މީހާ: ހަތަރުވަނަ ކަމަކީ ކޮބައިތޯ؟
އިބްރާހީމް: ތިބާގެ ފުރާނަ ހިއްޕެވުމަށް މަރުގެ މަލާއިކަތާ ވަޑައިގެންނެވުމުން އެ މަލާއިކަތާއަށް ތިމަންނަ މިގަޑީގައި މަރު ނުވާނަމޭ ދަންނަވާށެވެ. އެއަށްފަހު އެއިލާހަށް އުރެދޭށެވެ.
އެ މީހާ: އޭ އިބްރާހީމެވެ! ތިޔަކަމަށް ކުޅަދާނަވެގެން ވަނީ ކާކަށްތޯއެވެ؟
އިބްރާހީމް: ތިބާއާ މެދު ޢަޖާއިބު ވެއެވެ. ﷲ ދެއްވި ރިޒުޤުން ކައި، އެއިލާހުގެ ބިމުގައި އުޅެ، އަދި ތިބާ ކުރާހާކަމެއް އެއިލާހު ދެކެވޮޑިގަންނަވާ ޙާލުގައި، އަދި ތިބާގެ ގާތަށް މަރު އަތުވެއްޖެ ހިނދަކު އެ މަރުން ސަލާމަތް ވުމުގެ ބާރެއް ނެތް ޙާލުގައިވެސް އެއިލާހަށް އުރެދެނީ ހެއްޔެވެ؟
އެ މީހާ: ފަސްވަނަކަމަކީ ކޮބައިތޯ؟
އިބްރާހީމް: ތިބާގެ ގާތަށް ޒަބާނިއްޔަ މަލާއިކަތުން (ޢަޛާބުގެ މަލާއިކަތުން) ވަޑައިގަންނަވައި، ތިބާ ނަރަކައަށް ގެންދަވަން އުޅުއްވުމުން، ތިބާގެ ނަފްސު ސުވަރުގެއަށް ގެންދާށެވެ.
އެ މީހާ: އޭ އިބްރާހީމެވެ! ތިޔަކަމަށް ކުޅަދާނަވެގެން ވަނީ ކާކަށްތޯއެވެ؟
އިބްރާހީމް: ތިބާއާ މެދު ޢަޖާއިބު ވެއެވެ. ﷲ ދެއްވި ރިޒުޤުން ކައި، އެއިލާހުގެ ބިމުގައި އުޅެ، އަދި ތިބާ ކުރާހާކަމެއް އެއިލާހު ދެކެވޮޑިގަންނަވާ ޙާލުގައި، އަދި ތިބާގެ ގާތަށް މަރު އަތުވެއްޖެ ހިނދަކު އެ މަރުން ސަލާމަތް ވުމުގެ ބާރެއް ނެތް ޙާލުގައި، އަދި ތިބާގެ ނަފްސު ސުވަރުގެއަށް ނުވަތަ ނަރަކައަށް ގެންދިޔުމުގެ ކުޅަދާނަކަމެއް ލިބިގެން ނުވާ ޙާލުގައި ވެސް އެއިލާހަށް އުރެދެނީ ހެއްޔެވެ؟
އެ މީހާ: އޭ އިބްރާހީމެވެ! އައްސަވާށެވެ! އަހަރެން ﷲ އަށް ތައުބާވެ ފާފަ ފުއްސެވުމަށް އެދި އެއިލާހަށް ދަންނަވަމެވެ.
*********
ލޮބުވެތި އަޚުންނޭވެ! ލޮބުވެތި އުޚްތުންނޭވެ! ކޮންމެއަކަސް މިއަދު އަޅުގަނޑުމެންގެ ކަންތަކާއިމެދު ހިތާމަކޮށް ﷲގެ ޙަޟްރަތުން ހުޅުއްވާލައްވާފައިވާ ތައުބާގެ ފުރުޞަތުގެ ބޭނުން ކުރުމަށް އަވަސްވެގަންނަމާ ހިނގާށެވެ.
އަދި ފާފައަކަށް އަރައިގަތުމަށް ހިތްކިޔާ ކޮންމެ ފަހަރަކު ހަނދާންކޮށްލާށެވެ. ތިމަންނަ ކައިބޮއި މި އުޅެނީ ﷲ ދެއްވި ރިޒުޤުންނެވެ. އުޅެނީ އެއިލާހުގެ ބިމުގައެވެ. ކުރާކޮންމެ ކަމެއް އެއިލާހު ދެކެ ދެނެ ވޮޑިގެން ވެއެވެ. މަރު އައިސް ޖެހޭހިނދު ލަސްކުރުމުގެ ބާރެއް ނެތެވެ. ނަރަކައަށް ގެންދިޔުމަށް އަމުރު ކުރެވޭހިނދު އަމިއްލަ ނަފްސު ސުވަރުގެއަށް ގެންދިޔުމުގެ ބާރެއް ނެތެވެ.
މަސްދަރު: ނޫރުލް އިސްލާމް