އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ބޭންޑް "ވަން ޑައިރެކްޝަން" އިން ގެ ލަވަކިޔުންތެރިޔާ ލިއަމް ޕޭމް އިމާރާތަކުން އިއްޔެ ވެއްޓި މަރުވި ހާދިސާ އިތުރަށް ތަހުގީގު ކުރަން ފަށައި، އޭނަގެ ހަށިގަނޑުގެ އޮޓްޕްސީ ހަދަން ވެސް ނިންމައިފި އެވެ.
އެ ހާދިސާ ހިނގި އާޖެންޓީނާގެ ފުލުހުން ބުނީ ލިއަމްގެ މަރާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.
"ވަން ޑިރެކްޝަން" 2015 ގައި ރޫޅުނު ފަހުން އޭގެ މެންބަރުން މިހާރު ވަކިވަކި ސޯލޯ އާޓިސްޓުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު، ލިއަމް ،31، މަރުވީ އާޖެންޓީނާގެ ވެރިރަށް ބިއުނޮސް އާރީސްގެ ހޮޓަލެއްގެ ތިންވަނަ ބުރިން ވެއްޓިގެންނެވެ. އެ ހާދިސާ ހިނގި އިރު މަހުގެ ކުރީކޮޅު "ވަން ޑައިރެކްޝަން" ގެ ކުރީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ނިއާލް ހޯރަން އާޖެންޓީނާގައި ބޭއްވި ކޮންސެޓެއްގައި ވެސް ލިއަމް ބައިވެރިވެފައިވެ އެވެ.
މީޑިއާތަކުން ބުނީ ލިއަމް މަރުވީ އޭނައާ އެކީ ވަގުތު ހޭދަކުރަން އެމެރިކާގެ ލޯބިވެރިޔާ ކޭޑް ކެސިޓީ އާޖެންޓީނާ އަށް ކުރި ދަތުރު ނިންމާލާފައި އެނބުރި އެމެރިކާ އަށް ދިޔަތަނާ ކަމަށެވެ.
އިނގިރޭސި މަޝްހޫރު ޓީވީ ޝޯ، "ދަ އެކްސް ފެކްޓާ" އިން 2010 ވަނަ އަހަރު ތައާރަފުވި "ވަން ޑައިރެކްޝަން" އަކީ އާންމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ބޭންޑެކެވެ. އެ ބޭންޑުގައި ހިމެނުނީ ލިއަމް އާއި ނިއަލްގެ އިތުރުން ލިއަމް އިތުރުން ހެރީ ސްޓައިލްސް އާއި ޒޭން މާލިކެވެ.
ލިއަމް ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަސައްކަޔް ކުރަން ފެށި ފަހުން 2019 ގައި "އެލްޕީ1" ގެ ނަމުގައި އަމިއްލަ އަލްބަމެއް ވެސް ނެރެފައިވެ އެވެ.
އޭނަގެ ކުއްލި މަރާ ގުޅިގެން ވަރަށް ގިނަ ފޭނުންނަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. އަދ އެތައް ބަޔަކު އަންނަނީ ލިއަމްގެ ހަނދާންތައް ސޯޝަލް މީޑިއާގައި އާކުރަމުންނެވެ.