ރަންބީރް ކަޕޫރް ލީޑް ރޯލު ކުޅެން ހަމަޖެހިފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދޫމް 4" ގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ޝަރްވާރީ ވާގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމުގެ ކާސްޓްގެ ވާހަކަ މިދިޔަ މަހުން ފެށިގެން ދެކެވެމުން ދިޔަ ނަމަވެސް އެ ސްޓޫޑިއޯ އިން މިހާތަނަށް ރަސްމީކޮށް ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ބޮލީވުޑްގެ އެންމެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި "ދޫމް" ގެ ހަތަރު ވަނަ ބައި ވެގެން ދާނީ ކުރީގެ ތިން ބަޔާ ހިލާފަށް ވަރަށް ބޮޑު ބަދަލުތަކެއް ވެސް ފެންނާނެ ފިލްމަކަށެވެ.
އެގޮތުން "ދޫމް 4" ގެ މައިގަނޑު ރޯލު ރަންބީރް ކުޅޭ އިރު، ފިލްމުގައި އޭނައާ އެކީ ފެނިގެން ދާނީ ކިއާރާ އާއި ޝަރްވާރީ އެވެ. ވައިއާރްއެފްގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ތައާރަފުކުރި ޝަރުވާތީ މިހާރު އަންނަނީ ރަންބީރްގެ އަންހެނުން އާލިއާ ބަޓާ އެކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްގެ ފުރަތަމަ އަންހެން ފިލްމު "އަލްފާ" ގެ މަސައްކަތް ކުރަމުންނެވެ.
"ދޫމް 4" ވާނީ ރަންބީރާ އެކީ މަސައްކަތް ކުރަން ޝަރްވާރީ އަށް ލިބޭ ފުރަތަމަ ފުރުސަތަށެވެ.
ކިއާރާ ވެސް އަދި މިހާތަނަށް ރަންބީރާ އެކީ މަސައްކަތްކޮށްފައެއް ނުވެ އެވެ. މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާ އަކީ އާލިއާގެ ކުރީގެ ލޯބިވެރިޔާ ސިދާތު މަލްއުތުރާގެ އަންހެނުންނެވެ. އާލިއާ އާއި ސިދާތު އެކީގައި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުމެ އޭގެ ފަހުން އެކީގައި 2016 ގެ "ކަޕޫރް އެންޑް ސަންސް" ވެސް ކުޅުނެވެ.
ކިއާރާ ވެސް މިހާރު އަންނަނީ ވައިއާރްްއެފްގެ ފިލްމެއް ކުޅެމުންނެވެ. އެއީ ރިތިކް ރޯޝަންގެ "ވޯ 2" އެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ދޫމް 4" ގެ ޑައިރެކްޓަރަކީ 2013 ގެ "ދޫމް 3" ގެނެސްދިން ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ.