Last Updated: October 18, 17:06
Friday, October 18, 2024
ޚަބަރު

ޖުވާ ކުޅުމަކީ ބަނގުރޫޓުވެ ދަރަނިވެރިވާނެ ކަމެއް: ހުތުބާ

ޖުވާ ކުޅުމަކީ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ މީސްތަކުންގެ މުދާތަކަށް ނުޙައްޤުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެތަކެތި ކެއުމަށްޓަކައި މިއަދު ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދާފައިވާ ކަމަށާއި ޙައްޤަކާ ނުލައި މީހުންގެ ފައިސާ ކެއުމަށްޓަކައި މާއްދިއްޔަތުގެ އަޅުން ވަނީ ތަފާތު ބާވަތްބާވަތުގެ އުކުޅުތައް ބޭނުންކުރާން ފަށައިފައި ކަމަށެވެ.

މާތްﷲ ޖުވާ ޙަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމަޢަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުން ކަމަށާއި ޖުވާގެ އަވައިގައި ޖެހި މާތްﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ޙައްޤުތަކާއި ވާޖިބުތައް ދޫކޮށްލާއިރު، ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއް ކަމަށާއި ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި ކަމަށްވާއިރު ހެޔޮ ގޮތަކީ ޙަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

"ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެކެވެ. އެކަމުގެ ސަބަބުން ދަރަނިވެރި ވުމާއި، ރިޝްވަތު ނެގުމާއި، ދޮގު ހެދުމާއި، ވައްކަންކުރުމާއި، މަސްތުވާތަކެތީގެ އަޅަކަށްވުން ހިމެނެ އެވެ. ޖުވާ ކުޅުމުގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތި ވެ އެވެ. އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ވެސް ދުއްވައިލަ އެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށާއި މިއަދު ބައެއް ޤައުމުތަކުގައި ޖުވާ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައިވާއިރު ލޮޓަރީއާއި ޖެކްޕޮޓަކީ ޖުވާގެ ޒަމާނީ ބާވަތްތައް ކަމަށް ބުނެފައިވެ އެވެ. މިކަމަށްޓަކައި ޚާއްޞަ ނާދީތަކާއި މަރުކަޒުތައް ގާއިމުކޮށްފައިވާ ކަމަށާއި މި ތަންތަނަށް މުއްސަނދީންނާއި ފަޤީރުން ވަދެ އެ ޙަރަކާތްތަކުގައި ބައިވެރިވާއިރު، ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިޢާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށްޓަކާ ކަމަށް ބުނެފައިވެ އެވެ.