Last Updated: October 18, 20:10
Friday, October 18, 2024
ޚަބަރު

އޭޝިއަން ކްރޮސް ކަންޓްރީގައި ރާއްޖޭގެ 4 އެތުލީޓުން

އަންނަ ހަފުތާގައި ހޮންކޮންގްގައި ފަށާ "އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް" ގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމް އެ ގައުމަށް ފުރައިފި އެވެ.

ސައުތު އޭޝިއާ ހިމެނޭހެން އޭޝިއާގެ ގިނަ ގައުމުތަކަކުން ބައިވެރިވާ 10 ކިލޯ މީޓަރު ދުވުމުގެ ރޭހުގައި ރާއްޖޭގެ ގައުމީ ޓީމު ތަމްސީލްކުރާ އެތުލީޓުންނަކީ އައިލެންޑް ރަނާސްގެ އެތުލީޓުންނެވެ.

އެ އެތުލީޓުންނަކީ ޔޫސުފް އިބްރާހީމާއި ޢަބްދުﷲ ރަޝީދާއި ކިނާނަތު ޙުސައިންގެ އިތުރުން އުސައިދު މޫސާ އެވެ.

މި އެތުލީޓުން ހޮވައިފައި ވަނީ ތުރުކީގައި މި އަހަރު އޮތް އަނަޓޯލިއާ މެރެތަންގެ 10 ކިލޯ މީޓަރުގައި އެތުލީޓުން ނެރެފައިވާ ޓައިމިންއަށް ބަލައިގެންނެވެ. އަދި މި އަހަރުގެ ގައުމީ މުބާރާތުގެ 10 ކިލޯ މީޓަރު އިވެންޓްގައި ޓައިމިން އަށް ވެސް ބަލައިފަ އެވެ.

ޓީމްގެ ކޯޗަކަށް އެސޯސިއޭޝަނުން ހަމަޖައްސައިފައި ވަނީ އައިލެންޑް ރަނާސްގެ ކޯޗް ނަޞްރުﷲ އަހުމަދެވެ. އަދި މެނޭޖަރަކީ ޢަލީ ވިއާމެވެ.

"އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕް" ފަށާނީ އާދީއްތަ ދުވަހު އެވެ.