Last Updated: October 22, 10:51
Tuesday, October 22, 2024
ރިޕޯޓް

ތަޤުވާވެރިކަމުގެ ފަރަޤާއި ބުރުސޫރައިގެ ފަރަޤު

ޙަޤީޤީ މަތިވެރިކަމަކީ ﷲ ތަޢާލާއާ ކުއްތަންވުމެވެ. އަދި އެހެން މީހުންނާ ތިބާއާ ހުރި ފަރަޤަކީ ތަޤުވާވެރިކަމުގެ ފަރަޤެވެ.

﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ﴾ [سورة الحجرات ١٣]

މާނައީ: ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންއިލާހު ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ» [رواه مسلم]

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞޫރައަށާއި ތިޔަބައިމީހުންގެ މުދަލަށް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންނުވެއެވެ. އެހެނަސް އެއިލާހު ބައްލަވާ ވޮޑިގެންވަނީ ތިޔަބައިމީހުންގެ ހިތްތަކަށާއި ޢަމަލުތަކަށެވެ.”

أيها الناس: إن ربَّكم واحد، وإن أباكم واحد، كلكم لآدم وآدم من تراب، أكرمكم عند الله أتقاكم، وليس لعربي على عجمي فضل إلا بالتقوى، ألا هل بلغت؟ قالوا نعم. قال: فليبلغ الشاهد منكم الغائب.
[رواه أحمد ]
އޭ އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި އިލާހަކީ އެއްކައުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޕައަކީ އެކަކެވެ.

ތިޔަބައި މީހުން އެންމެން (އައިސްފައި ވަނީ) އާދަމްގެފާނުގެ ފަރާތްޕުޅުންނެވެ. އާދަމްގެފާނު (ހެއްދެވިފައިވަނީ) މަށިންނެވެ. ތިޔަބައިމީހުންގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވަނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިމީހެކެވެ. އަދި ތަޤްވާއާނުލައި ޢަރަބިންނަށް ޢަރަބިން ނޫން މީހުންގެ މައްޗަށް އެއްވެސް މަތިވެރިކަމެއް ނެތެވެ. ތިމަންކަލޭގެފާނު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އެބައިމީހުން (އެބަހީ ޞަޙާބީން) ދެންނެވި އެވެ. އާދޭހެވެ. ފޯރުކޮށް ދެއްވައިފީމު އެވެ. ޙަދީޘް ކުރެއްވި އެވެ. ޙާޟިރުވެހުރި މީހާ ޙާޟިރުވެނެތް މީހާ އަށް ފޯރުކޮށްދޭ ހުށިކަމެވެ.

މި ދަލީލުތަކުން ހެކިދޭ ގޮތުގައި އެންމެ މާތް މީހަކީ އެންމެ ބޮޑަށް ތަޤުވާވެރި މީހާ އެވެ. އެއްވެސް ހާލެއްގައި މީހާގެ ބުރުސޫރައަކަށް ނޫނެވެ.

ނޯޓް: މިއީ ޝައިޚް މުޙައްމަދުގެ ލިޔުވުއްމެކެވެ.