އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ބޮމުގެ ހަމަލާތަކެއްގައި 33 މީހުން މަރާލައިފި އެވެ.
ގާޒާގެ ސިވިލް ޑިފެންސް މިނިސްޓްރީން ބުނީ މި ހަމަލާގައި މަރުވި މީހުންގެ ތެރެއިން 21 މީހުންނަކީ އަންހެނުން ކަމަށެވެ. މި ހަމަލާގައި 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުން ސިލްސިލާ ގޮތެއްގައި ޖަބަލިއާ ރެފިއުޖީ ކޭމްޕް ހިމެނޭ ސަރަހައްދަށް ހަމަލާތައް ދެމުން އަންނަނީ ހަމާސް ޖަމާއަތުގެ މެމްބަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނެ އެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުން މީހުން ނިކުތުމަށާއި އަދި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމުގައި އެގައުމުގެ އުތުރުގެ ސަރަހައްދުތަކަށް ފާއިތުވި އަށް ދުވަސްތެރޭ ދިން ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ގާޒާގެ އިތުރުން އިޒްރޭލުން އަންނަނީ ލުބްނާނަށް ވެސް ހަމަލާތައް ދެމުންނެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.