Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ޕީއެންސީގެ ތެރޭގައި މިހާރު ބައިބައިވުން އެބައޮތް

މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮތް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ތެރޭގައި މިހާރު ބައިބައިވުން އޮތް އެބައޮތް ކަމަށާއި އެ މަންޒަރު މަޖިލީހުގެ ތެރެއިން ވެސް ފެނިގެން ދާނ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގައި އޭނަ ވިދާޅުވީ ޕީއެންސީގެ ދެ ހިޔާލެއް މިހާރު ވެސް މަޖިލީހުގެ ތެރޭގައި އޮތް ކަމަށެވެ. އެގޮތުން ޕާޓީގެ މެންބަރުން ދައްކަވާ ވާހަކަފުޅުތަކުން ދެ ހިޔާލެއްގެ އޮއިވަރު ޕީއެންސީގެ މަޖިލިސް މެންބަރުންގެ މެދުގައި ހިނގަމުންދާކަން ސާފު ކަމަށް މައުރޫފު ވިދާޅުވި އެވެ.

އެގޮތިން ބައެއް މެންބަރުން ސަރުކާރުން ހުށަހަޅާ ބިލުތަކާ ދެކޮޅަަށް ކުރިއަށް އޮތް ތަނުގައި ވޯޓު ދޭނެކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި އެ މެންބަރުން ސަރުކާރު ބިލުތަކަށް ވޯޓު ދިނުމަށް އިންކާރުކުރާ ހިސާބަށް ދިޔާއީ ދާއިރާތަަކުގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާތީ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނޭ މަޖިލިސް ތެރޭގައި ދެ ފިކުރަކަށް ވާހަކަދެކެވޭ ތަން. ހާއްސަކޮށް ޕީއެންސީގެ މެންބަރުންގެ ތެރޭގައި. މިއީ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އުފާކުރަންވީ ވަރު ކަމެއްހެން،" މައުރޫފް ވިދާޅުވި އެވެ. "ވަރަށް ބޮޑަށް ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އެބަހުރި."

އޭނަ ވިދާޅުވީ ޕީއެންސީގެ ބައެއް މެންބަރުން މަޖިލީހުގެ ކުޑަ ދަށުގައި އިދިކޮޅު މެންބަރުން ގާތު ވިދާޅުވަމުން ގެންދަވަނީ ބައެއް ބިލުތަކަށް ރަތް ޖަހާނެ ވާހަކަ ކަމަށެވެ.

މައުރޫފު ވިދާޅުވީ ރަށްރަށުގައި ހިނގަމުން އައި ތަރައްގީގެ މަޝްރޫއުތައް ހުއްޓި މަސައްކަތްތައް ކުރިއަށް ނުދާތީ މެންބަރުންނަށް މިހާރު ދާއިރާތަކަށް ދިއުން ވެސް ލަދުވެތި ކަމަކަށްވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ތެރެއިން ވަކި އެއްބަޔަކު މާ ބޮޑަށް ކޮރަޕްޝަން ހިންގަމުންދާތީ އެކަމާ މެދު ވެސް ޕީއެންސީގެ ބައެއް މެންބަރުން ނުރުހުން ފާާޅުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މައުރޫފު ތުހުމަތުކުރެއްވި ގޮތުގައި ކޮރަޕްޝަން ހިންގުމުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހަށް ދެވަނަ ދައުރަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ މެންބަރުންނެވެ. އަދި އެއީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ "ފެކްޝަން" ގެ ގޮތުގައި ސިފަކުރެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ މިހާރު އެކަން މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގެންފިހެން. އެކަމަކަށްޓަކައި މަޖިލިސް ތެރޭގައި ކުރައްވަމުންދާކަން އެބަފެނޭ،" މައުރޫފް ވިދާޅުވި އެވެ. "މަޖިލިސް ތެރޭގައި ކޯޅުންގަނޑު ފެންނާނެ. މާގިނަ ދުވަސްތަކެއް ނުވެ ޕީއެންސީގެ މަޖިލިސް ބައިބައިވާނެ ކަމުގައި އަޅުގަނޑު ޝައްކެއް ނުކުރަން."