ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރެވުނު ޝަރީޢަތުގައި އެ ކޯޓުގެ ފަނޑިޔާރުން ދަޢުވާކުރާފަރާތުގެ ދައުރު އަދާކޮށްފައިވާ ކަމަށް ނާޒިމްގެ ޤާނޫނީ ވަކީލުން ހައިކޯޓުގައި ބުނެފިއެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލުންގެ ޓީމުން ބުނީ ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރު ހެކިންނާއި ސުވާލު ކުރިއިރު ވެސް ދައުލަތުން ކުރަންޖެހޭ ބައެއް ކަންކަން ފަނޑިޔާރުން އަމިއްލައަށް ކޮށްފައިވާ ކަމަށާއި ދައުލަތުން ދައްކަންޖެހޭ ވާހަކަތައް ވެސް ފަނޑިޔާރުން ދައްކާފައިވާ ކަމަށެވެ.
ހެކިންނާ ސުވާލު ކުރުމާއި ދިފާއުގައި ހެކި ހުށަހެޅުމާއި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ފުރުސަތު ދަށު ކޯޓުން ނާޒިމަށް ދީފައިނުވާ ކަމަށާއި އަދި ޝަރީއަތުގައި ކަން ހިނގާފައި ހުރިގޮތުން އެ ޝަރީއަތް ކުރިއަށް ގެންދިޔައީ ކުރިން ވެސް ހުކުމް ލިޔެގެން ކަމަށް ބެލެވޭ ކަމަށް ވެސް މިއަދުގެ ޝަރީޢަތުގައި ވަކީލުން ވަނީ ބުނެފައެވެ.
ދައުލަތުގެ ބައެއް ހެކިން ސިއްރުކޮށްފައިި އޮތުމުން އެކަށީގެންވާ މިންވަރަށް ދިފާއުވާން ފުރުސަތު ނުލިބޭކަން ފާހަގަކުރަމުން ދިފާއީ ވަކީލުން ބުނީ ބައެއް ހެކިން ކަނޑައެޅިގެން ދޮގު ހެކިބަސް ޝަރީއަތުގައި ދީފައިވާ ކަމަށެވެ. ހެކިންގެ ހެކިބަހުގައި ތަފާތު ތަކެއް ހުރި ކަމަށް ބުނެ ނާޒިމްގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި އެކަން ފާހަގަކޮށްފައިވެއެވެ.
ދޮޅު ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ އަޑުއެހުމުގައި އޮތީ ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާތައް އިއްވުމެވެ. އެ ނުކުތާތަކާ ގުޅިގެން ޖަވާބު ދިނުމަށް ދައުލަތަށް ފުރުސަތު ދޭން ބެލިއިރު މިއަދުގައި އަޑުއެހުމުގައި ދައުލަތުން ބޭނުންވާ މިންވަރަށް ވަގުތު ނެތުމުން މާދަމާ ބާއްވާ އަޑުއެހުމުގައި ދައުލަތުން ޖަވާބުދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލައިގެ އަޑުއެހުންތައް މިހަފުތާގެ ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދަވާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ވަނީ އިއުލާންކޮށްފަ އެވެ. ނާޒިމްގެ މައްސަލަ ދަށު ކޯޓުން ބެލިއިރު އެ ކޯޓުގެ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރަކު މިހާރު ވަނީ ހައި ކޯޓަށް އައްޔަންކޮށްފަ އެވެ. ނަމަވެސް އެއިން ފަނޑިޔާރަކު ނާޒިމްގެ މައްސަލަ ހައި ކޯޓުގައި ބަލާ ބެންޗަކު ނުހިމެނެ އެވެ.
ނާޒިމްގެ ފަރާތުން ހައި ކޯޓުގައި ވަކާލާތު ކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އިސްކޮށް ހުންނަވާ ވަކީލުންގެ ޓީމަކުންނެވެ.