ކުރީ ސަރުކާރުން ހަރަދުތައް ރެކޯޑު ކުރުމުގައި ހަދާފައި ހުރި ގޯސްތައް ބަލައި ފިޔަވަޅު އަޅަން ނިންމައިފި އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށާއި އެ ފައިސާ މިއަހަރުގެ މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނުމަކީ ގާނޫނާ ހިލާފު ކަމަކަށްވާނެތީ އެ މައްސަލައާ މެދު އަމަލުކުރާނެ ގޮތެއް މިހާރު ބަލަމުންދާ ކަމަށެވެ.
އެކަމުގައި ގޮތެއް ނިންމޭނީ އޮޑިޓާ ޖެނަރަލް ދެއްވާ ލަފައެއް ބެލުމަށްފަހު ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެކަމާ ގުޅޭ އޮޑިޓާ ޖެނަރަލްގެ ރިޕޯޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
މީގެއިތުރުން އުޝާމް ވަނީ ކުރީ ސަރުކާރުން ހަރަދު ކުރުމަށްފަހު ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ގިނަ ހިސާބުތައް ޖަހާފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީ އާއި މާލިއްޔަތާ ގުޅޭ ގަވާއިދާ ހިލާފަށް ކުރަމުންދިޔަ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ. މިކަމުގައި ހަދާފައި ހުރި ގޯސްތައް ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށާއި މިއީ ފަސޭހައިން ދޫކޮށްލާނެ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ.
"މި ފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން،" އުޝާމް ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މީގެކުރިން ކޮންމެ ހަފްތާއަކު އާންމުކުރަމުންދިޔަ ދައުލަތުގެ އާމްދަނީއާއި ހަރަދު ތަފްސީލް މިދިޔަ ޖޫން މަހުން ފެށިގެން ހާމަކުރުން ހުއްޓާލީވެސް ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއެއްގެ މައްސަލަ ފާހަގަވި ހިސާބުން ކަމަށް ވިދާޅުވެފަ އެވެ.