Last Updated: October 22, 10:32
Tuesday, October 22, 2024
މުނިފޫހިފިލުވުން

ސަލްމާން ބްލެޓްޕްރޫޕް އިތުރު ކާރެއް ގަންނަނީ

ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންދާތީ އޭނަގެ ހަށިރައްކަލަކަށް އަނެއްކާ ވެސް ބުލެޓްޕްރޫޕް ކާރެއް ގަންނަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ މި ފަހަރު ގަންނަނީ ނިސާން ޕެޓްރޯލް އެސްޔޫވީއެއް ކަމަށާއި މި ކާރު ގަންނަނީ ދުބާއީ އިން ކަމަށެވެ. އަދި އެ ކާރުގެ އަގަކީ 2 ކްރޯޑް ރުޕީސް (237800 ޑޮލަރު) ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ލޯރެންސް ބިޝްނޯއީ ކިޔާ ގޭންސްޓާރެއްގެ ފަރާތުން މި ފަހުން ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދެމުންދާ އިރު، 2022 ގައި ދިން އިންޒާރުތަކަކާ ގުޅިގެން ވެސް ބްލެޓްޕޫރް ކާރެއް ގަނެފައިވެ އެވެ. އަދި އަމިއްލަ ހަށިރައްކަލަކަށް ބަޑިއެއް ގެންގުޅުމުގެ ހުއްދައަކަށް އެދުމުން އެ އަހަރު ސަލްމާނަށް އެކަމުގެ ހުއްދަ ވެސް ކަމާބެހޭ އިދާރާތަކުން ދީފައިވެ އެވެ.\

ބޮލީވުޑްގެ ތަރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ކޮންގްރެސް ޕާޓީ އަށް ނިސްބަތްވާ މަހާރަޝްތުރާ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރި ބާބާ ސިއްދީ އަށް ހަމަލާދީ މިދިޔަ އަންގާރަ ދުުވަހު އަވަހާރަކޮށް ހާދިސާގެ ފަހުން ސަލްމާނަށް ލޯރެންސާ ގުޅުން ހުރި ފަރާތްތަކުން ދަނީ ތަކުރުކޮށް މަރުގެ އިންޒާރު ދެމުންނެވެ.

އެކަމާ ގުޅިގެން މުމްބާއީގެ ފުލުހުން އޭނަގެ ސެކިއުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފައިވެ އެވެ.

ސަލްމާން، 58، ގެ ދުވަސް ދުއްވައިލާފައި ނޫނީ ހުއްޓައިނުލާނެ ކަމަށް ލޯރެންސް ބުނަމުންދާ އިރު، އޭނަގެ ރޭވުމެއްގެ ދަށުން މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މުމްބާގައި ހުންނަ ސަލްމާންގެ ގެ، ގެލެކްސީ އެޕާޓްމަންޓް ބަޑިން ހަމަލާތަކެއް ވެސް ދީފައިވެ އެވެ.

މިހާރު "ސިކަންދަރު" ކިޔާ ފިލްމެއްގެ އިތުރުން ކަލާސް ޓީވީގެ "ބިގް ބޮސް 18" ވެސް ހޯސްޓް ކުރާ ސަލްމާނަށް ލިބެމުންދާ އިންޒާރުތަކާ ގުޅިގެން އޭނަގެ އާއިލާ ވެސް މިހާރު އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.