Last Updated: November 24, 18:35
Sunday, November 24, 2024
ޚަބަރު

ބަޖެޓް ހުސްވެއްޖެ، ސަރުކާރުން ކުރި ކަމެއް ފެންނާކަށް ނެތް

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް - ފޮޓޯ: އެމްޑީޕީ

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓް މި ސަރުކާރުން ހުސްކޮށްލާފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ކޮށްދިން ކަމެއް ފެންނަން ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ނަމަވެސް މިއަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ރޭ "ރާއްޖެޓީވީ"ގައި ވާހަކަދައްކަމުން ނާޒިލް ވިދާޅުވީ މިއަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓް ސަރުކާރުން ހުސްކޮށްލި ގޮތާއި ދޭތެރޭ ޝައްކު އުފެދޭ ކަމަށާއި އެގޮތުން ސަރުކާރުން ކޮށްދިން ކަމެއް ރައްޔިތުންނަށް ފެންނަން ނެތް ކަމަށެވެ.

"ބަޖެޓުގެ 49 ބިލިއަން ރުފިޔާ ހަރަދުކުރީ ކޮން ޕްރޮޖެކްޓަކަށް ކިހިނެއްތޯ، ކޮން ކަމެއްތޯ ކޮށްދެވުނީ. ރައްޔިތުންނާ ގުޅުންހުރި ކޮން ކަމަކަށްތޯ ހަރަދު ކުރެވުނީ. އެއީ މިހާރު ސާފުވާންޖެހޭ ކަންތައްތަކެއް،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މީގެކުރިން ސަރުކާރުތަކުން ކަންތައްތަކެއް ކުރަން ފަށައި އަދި ކަންތައްތައް ކުރަމުން އަންނަތަން ވެސް ރައްޔިތުންނަށް ފެންނަ ކަމަށާއި ނަމަވެސް މި ސަރުކާރުން ކުރި އެއްވެސް ކަމެއް ރައްޔިތުންނަށް ފެންނަން ނެތް ކަމަށެވެ. މި ސަރުކާރުން ބަޖެޓް ހުސްކޮށްލީ ގިނަ ބަޔަކަށް ބޮޑެތި މުސާރައާއެކު ވަޒީފާތައް ދިނުން ފަދަ ކަންކަން ކޮށްގެން ކަމަށާއި ބަޖެޓް ހުސްކޮށްލުމަށްފަހު ކުރީ ސަރުކާރުގެ ވާހަކަ ދެއްކިޔަސް މި ސަރުކާރަށް ދެން ސަލާމަތްވެވެން ނެތް ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ.