ދިފާއީ ގުޅުން ވަރުގަދަކުރަން ފިލިޕީންސްއާއެކު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން، ފިލިޕީންސްގެ ސެކްރެޓަރީ އޮފް ނޭޝަނަލް ޑިފެންސް ގިލްބަރޓޯ ތިއޮޑޯރޯ ޖޫނިއާއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ފިލިޕީންސްގެ މެނީލާގައި ކުރިއަށްދިޔަ އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިޒާސްޓާ ރިސްކް ރިޑަކްޝަންގެ ހަވާސާގަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖެއާއި ފިލިޕީންސްއަކީ ޖަޒީރާ ދެ ޤައުމުކަން ފާހަގަކުރައްވައި، ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެއްބާރުލުން ދެވިދާނެ އިތުރު ދާއިރާތަކުން ގުޅުންތައް އިތުރުކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަންއާއި މިލިޓަރީ ސެކްރެޓަރީ ކާނަލް ޙަސަން ބުޝްރީ ބައިވެރިވެވަޑައިގަތެވެ.