Last Updated: October 22, 11:00
Tuesday, October 22, 2024
މުނިފޫހިފިލުވުން

ކާޖޮލްގެ އެކްޝަން ފިލްމު މި މަހު ނިންމާލަނީ

އިންޑިއާގެ މަޝްހޫރު ބަތަލާ ކާޖޮލްގެ އެކްޝަން ފިލްމު "މަހާރާގްނީ: ކްއީން އޮފް ކްއީންސް" ގެ ޝޫޓިން މި މަސް ނިމުމުގެ ކުރިން ނިންމައިލާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމަކީ ނެޝަނަލް ހޯދާފައިވާ ތެލެގޫ ޑައިރެކްޓަރު ޗަރަން ތޭޖް އުއްޕަލަޕަޓީ ލިތޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނަ ކުރިން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "އޮޓޯގްރާފް" އާއި "ވެޓްރީ ކޮޑީ ކައްޓޫ" ހިމެނެ އެވެ.

"މަހާރާގްނީ" އަކީ ޗަރަންގެ ފުރަތަމަ ހިންދީ ފިލްމެވެ. ކާޖޮލްގެ އިތުރުން މި ފިލްމުގެ ކާސްޓްގައި ޕްރަބޫދޭވާ އާއި ނަސީރުއްދީން ޝާހާއި ޖިއްޝޫ ސެންގުޕްތާ އާއި ސަމްޔުކްތާ މެނަން އަދި އަދިތިޔާ ސީލް ހި،ެނެ އެވެ.

ފިލްމުގެ ޓީމާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނާ ކާޖޮލްގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ މި ފިލްމުގައި މިހާރު ބާކީ ހުރީ ވެސް އެކްޝަން މަންޒަރުތަކެއް ކަމަށެވެ. އެގޮތުން ބޭރުގެ އެކްޝަން ކޮރިއޯގްރާފަރެއް ކަމަށްވާ ޕީޓާ ހީން އާއި ސްޓަންޓް ކޯޑިޓަރު ފްލޯރިއަން ހޮޒްގެ އެހީތެރިކަމާ އެކީ ޝޫޓްކުރާ އެކްޝަން މަންޒަރުތަކާ އެކީ "މަހާރާގްނީ" ގެ ޝޫޓިން މި މަހުގެ ތެރޭގައި ނިމޭނެ ކަމަށް ބުންޏެވެ.

"މަހާރާގްނީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ކާޖޮލްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 25 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ތުރިލާ "ދޯ ޕައްތީ" އެވެ. މީގައި އޭނަ ކުޅެފައި ވަނީ ފުލުހެއްގެ ރޯލެވެ.

ކާޖޮލް، 50، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސަރްޒަމީން" އާއި "މާ" ހިމެނެ އެވެ.