ރާއްޖެ ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހުގެ ތެރޭގައި ބަންގްލަދޭޝްއާ އެކު މެޗްތަކެއް ކުޅެން ހަމަޖެހިފައިވެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމުން މިކަން އިއްޔެ އިއުލާންކޮށް ބުނީ ދެ ގައުމުން ދެ މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށެވެ. އެއީ އަންނަ މަހުގެ 13 އާއި 16 ގަ އެވެ. މި މެޗްތައް ކުޅެން ހަމަޖެހިފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަޝުންދަރަ ކިންގްސް ދަނޑުގަ އެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އެންމެ ފަހުން ވާދަކުރީ މިދިޔަ އަހަރުގެސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގަ އެވެ. އެ ފަހަރުގެ މެޗުން 3-1 އިން މޮޅުވީ ބަންގްލަދޭޝް އެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ބޭރުގައި މެޗްތަކެއް ކުޅެން ހަމަޖެހުނު އެފްއޭއެމް މި ވަގުތު އޮތީ ބޮޑެތި މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެއީ އެތަނުގެ ރައީސްގެ މަގާމުގައި ކުރިން ހުރި ބައްސާމް އަދީލް ޖަލީލު އިސްކޮށް ހުރެގެން އެފްއޭއެމްގެ ފައިސާތަކަކަށް ހިޔާނަތްވުމާއި އޭނަގެ ދަށުން ހިންގަމުން އައި އެފްއޭއެމް ބޮއްސުންލުމާ ގުޅިގެންނެވެ.
އެކަމަކު މިހާރު ފީފާ އިން ހަމަޖައްސާފައި އޮތް ނޯމަލައިޒޭޝަން ކޮމިޓީން މިހާރު އަންނަނީ އެފްއޭއެމްގެ ކަންކަން ހަމަޔަކަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.