އިންޑިއާގެ އެންމެ މުއްސަނދި ބަތަލާ އަކީ ޖޫހީ ޗާވްލާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އަހަރުގެ ހުރޫން ރިޗް ލިސްޓާ ހަވާލާދީ މީޑިއާތަކުން ބުނީ 90 ގެ ތެރޭގައި އެންމެ ވިދި ބަތަލާއިންގެ ތެރޭގައި ހިމެނޭ ޖޫހީގެ މިލްކިއްޔާތު މިހާރު 4.600 ކްރޯޑް ރުޕީސް (580 މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 56 އަހަރުގެ ބަތަލާ އަކީ މިހާރު ވަރަށް މަދުން ނޫނީ ފިލްމުތަކުން ނުފެންނަ ބަތަލާއެކެވެ. އެހެންވެ މިހާރު ފިލްމު ކުޅެގެން ލިބޭ އާމްދަނީ އަށް ވުރެ ބޮޑަށް ޖޫހީ އަށް އާމްދަނީ ލިބެނީ ތަފާތު އެކި ވިޔަފާރިތަކުުންނެވެ. މަަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާންގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓްގައި ވެސް ޖޫހީގެ ހިއްސާ އޮންނަ އިރު، އިންޑިއަން ޕްރީމިއާ ލީގް އައިޕީއެލް) ގެ އެންމެ ފާހަގަކޮށްލެވޭ ކްރިކެޓް ޓީމްތަކުގެ ތެރޭގައި ހިމެނޭ ކަލްކަތާ ނައިޓް ރައިޑާ (ކޭކޭއާރް) އަކީ ޝާހްރުކާއި ޖޫހީ ހިއްސާވާ ޓީމެކެވެ.
މީގެ އިތުރުން ޖޫހީ އަކީ އޭނަގެ ފިރިމީހާ އަދި ވިޔަފާވެރިޔާ ޖޭ މެހެތާއާ ގުޅިިގެން ވެސް ތަފާތު އެކި ވިޔަފާރިތަކަށް އިންވެސްޓްކޮށްފައިވާ ތަރިއެކެވެ.
އެހެންވެ ޖޫހީވެފައި ވަނީ އެންމެ މުއްސަނދި ބަތަލާއަށެވެ.
އެންމެ މުއްސަނދި ފަސް ބަތަލާއިންގެ ލިސްޓްގެ ދެވަނަގައި އޮތީ ކުރީގެ މިސް ވޯލްޑް އައިޝްވާރިއާ ރާއީ އެވެ. އޭނަ ވެސް މިހާރު ވަރަށް މަދުން ފިލްމު ކުޅޭ އިރު، ތަފާތު އެކި ވިޔަފާރިތަކަށް އިންވެސްޓްކޮށްފައިވެ އެވެ. އެކްޓަރު އަބީޝެކް ބައްޗަންގެ އަންހެނުން އައިޝްވާރިއާ، 50، ގެ މިލްކިއްޔާތަކީ 860 ކްރޯޑް ރުޕީސް (102.2 މިލިއަން ޑޮލަރު) އެވެ.
ތިން ވަނައިގައި އޮތީ މިހާރު ބޮލީވުޑަށް ވުރެ ހޮލީވުޑްގައި އުޅޭ ޕްރިޔަންކާ ޗޯޕްޅާ އެވެ. އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސްގެ އަންހެނުންގެ މިލްކިއްޔާތު 650 ކްރޯޑް ރުޕީސް (77.3 މިލިއަން ޑޮލަރު) އަށް އަރަ އެވެ. ޕާޕަަލް ޕެބްލް ޕިކްޗާސް ކިޔާ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ޕްރިޔަންކާ އަކީ ވަރަށް ގިނަ ތަފާތު ވިޔަފާރިތަކަށް އިންވެސްޓްކޮށްފައިވާ ބަތަލާއެކެވެ.
ލިސްޓްގެ ހަތަރު ވަނައިގައި އޮތީ މިހާރު ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ ޒުވާން ބަތަލާއިންގެ ތެރެއިން އާލިއާ ބަޓެވެ. އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުންގެ މިލްކިއްޔާތަކީ 550 ކްރޯޑް ރުޕީސް (65.4 މިލިއަން ޑޮލަރު) އެވެ. އުމުރުން މިހާރު 31 އަހަރުގެ އާލިއާ އަކީ އަމިއްލަ ބައެއް ވިޔަފާރި ހިންގާ ބަތަލާއެކެވެ. އޭގެ ތެރޭގައި "އެޑް-އަ-މަމާ" ގެ ނަމުގައި ހިންގާ ކުޑަކުދިންގެ އަންނައުނު ބްރޭންޑާއި އިޓާނަލް ސަންޝައިން ކިޔާ އަމިއްލަ ފިލްމު ކުންފުނި ހިމެނެ އެވެ
ލިސްޓްގެ ފަހެއްގައި އޮތީ މިހާރު އިންޑިއާގެ އެންމެ ނުފޫޒު ގަދަ ބަތަލާގެ ގޮތުގައި ފާހަގަކޮށްލެވޭ ދީޕިކާ ޕަދްކޯނެވެ. އޭނަގެ މިލްކިއްޔާތު 500 ކްރޯޑް ރުޕީސް (59.5 މިލިއަން ޑޮލަރު) އަށް އަރަ އެވެ. އެކްޓަރު ރަންވީރުގެ އަންހެނުން ދީޕިކާ، 38، އަކީ ފިލްމު ޕްރޮޑިއުސަރެއްގެ އިތުރުން ތަފާތު އެކި ވިޔަފާރިތަކަށް އިންވެސްޓްކޮށްފައިވާ އަދި އަމިއްލަ ކޮސްމެޓިކް ލައިނެއް ވެސް ހިންގަމުން އަންނަ ބަތަލާއެކެވެ.