Last Updated: November 24, 10:30
Sunday, November 24, 2024
ރިޕޯޓް

ނިޒާމު ފުނޑާލުމަށްފަހު ކުރި ޙުކުމް އިސްތިއުނާފްކޮށްފި ! ނާޒިމަށް އިންސާފް ލިބޭނެބާ ؟

ހައިކޯޓިުގައި އިއްޔެ ބޭއްވި އަޑު ނިންމާލުމަށް ފަހު ކާނަލް ނާޒިމް ޖަލަށް ގެންދިއުމަށް ލޯންޗަށް އަރުވަނީ. ފޮޓޯ: އައްޑޫލައިވް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތަކީ ވަރަށް ގިނަ ގޮތްގޮތުން ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ގެންގޮސްފައިވާ ޝަރީޢަތެއްގެ ގޮތުގައި ގިނަބަޔަކު ވަނީ މީގެ ކުރިންވެސް ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ފަރާތުން އާދަޔާ ޚިލާފު ހަރުކަށި ކަމެއް ފެނިގެން ދިޔަ ޝަރީޢަތް ކުރިއަށް ދިޔައިރުވެސް ކާނަލް ނާޒިމްގެ ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނަށް ދިފާޢުވުމުގެ ފުރުސަތު އެންމެ ފުރިހަމައަށް ދީފައި ނުވާކަން ފާހަގަކޮށްފައެވެ. މިގޮތުން ދިފާޢީ ހެކިންގެ ގޮތުގައި ނާޒިމްގެ ފަރާތުން 50 ހެކިން ހުށަހެޅި ނަމަވެސް ޝަރީއަތުން ވަނީ އެ ހުރިހާ ހެކިން ހާޒިރު ކުުރުމަށް ދެކޮޅު ހަދާފައެވެ

މިގޮތުން ދިފާޢީ ހެކިންގެ ގޮތުގައި ނާޒިމްގެ ފަރާތުން 50 ހެކިން ހުށަހެޅި ނަމަވެސް ޝަރީއަތުން ވަނީ އެ ހުރިހާ ހެކިން ހާޒިރު ކުުރުމަށް ދެކޮޅު ހަދާފައެވެ.

މީގެ އިތުރުން ވެސް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހާޒިރުކުރި ބައެއް ފުލުހުންނާއި ވަކި ސުވާލުތަކެއް ނުކުރެވޭނެ ކަމަށް ވެސް ފަނޑިޔާރުން ބުނެފައިވާއިރު ދައުލަތުން ހާޒިރުކުރި ހެކިންގެ ހެކި ބަހުގައި ބޮޑެތި ތަފާތު ތަކެއް ހުރިކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި ނާޒިމްގެ މައްޗަށް ކުށް ސާބިތުކުރުމަށް އެންމެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްފައިވަނީ ނާޒިމްގެ ގެއިން ފެނުނު ކަމަށް ބުނާ 'ޕެންޑްރައިވް' އެއްގައި ހުރި މައުލޫމާތު ތަކެކެވެ. އެހެން ނަމަވެސް ދަޢުލަތުން ވަނީ ޕެންޑްރައިވް އާއި ނާޒިމް އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ.

އެހެން ނަމަވެސް ދަޢުލަތުން ވަނީ ޕެންޑްރައިވް އާއި ނާޒިމް އާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ.

ނާޒިމްގެ ވަކީލުންގެ ފަރާތުން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ހުށަހެޅި ޚުލާސާ ބަޔާނަށް ވަރުގަދަ ރައްދެއް ދީފައިވާއިރު ފަނޑިޔާރުންގެ ބެންޗުން އެއިން އެއްވެސް ނުކުތާއަކަށް ރިޢާޔަތްކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަހުގައި ވެސް ދޮގު ހަދާފައިވާ ކަން ސާބިތުވާކަމަށާއި އެހެންކަމުން އެމީހުންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެ ކަމަށާއި އަދި ދައުލަތުން ހުށަހެޅި ކިތާބީ ހެއްކާއި ނާޒިމް އާ ގުޅުމެއް ނެތްކަން ސާބިތުވާކަމަށާއި މީގެތެރެއިން ފިންގާރ ޕްރިންޓް މެޗް ނުވާކަމަށާއި ޕެންޑްރައިވް އާއި ވެސް ނާޒިމް އާ ގުޅުމެއް ނެތްކަމަށްވެސް ނާޒިމްގެ ވަކީލުން ކްރިމިނަލް ކޯޓުގައި ހާމަކޮށްފައިވެއެވެ.

ނާޒިމްގެ މައްޗަށް ދަޢުވާކޮށްފައިވަނީ ނުބައި ޤާނޫނަކުން ކަމަށް ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލުންތައް ހާމަކޮށްފައިވާއިރު އެކަން ކްރިމިނަލް ކޯޓުގައި ނާޒިމްގެ ވަކީލުން ވެސް ވަނީ ފާހަގަކޮށްފައެވެ.

'އައްޑޫލައިވް' އާއި ވާހަކަދެއްކި ޤާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ، ޤަނޫނު ނަމްބަރ 17/2010 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރައި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ) 3 ވަނަ މާއްދާގެ (ޅ) އިން ނުރައްކާތެރި ހަތިޔާރެއް ފެނިގެން ހިންގޭ ތަޙްޤީޤެއްގައި އެ ތަކެއްޗަށް މީހަކު ޒިންމާވާންޖެހޭނެ ކަމަށް ބުނާ ފަދަ ކަމެއް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ނާޒިމާއި ދެކޮޅަށް ހުށަހަޅާފައި ނުވާކަމަށެވެ.

" އެ ޤާނޫނުގެ (ޤަނޫނު ނަމްބަރ 17/2010) 6 ވަނަ މާއްދާގައި ވާނެ، ޤާނޫނުގައި ބަޔާންކުރާ ކުށާއި އަދަބު އެހެން ޤާނޫނުގައި ބުނާ ކުށާއި ތަޢާރުޟުވާނަމަ އިސްކަން ދޭންޖެހޭނީ އެ ޤާނޫނަށް ކަން.އެހެން ކަމުން ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވަނީ ނުބައި ޤާނޫނަކުން. " އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގައި އުޤޫބާތް ކަނޑައެޅޭ ޤާނޫނުތައް ކުށުގެ ތުޙުމަތުކުރެވޭ މީހާއަށް މަންފާވާގޮތަށް މާނަކުރަންޖެހޭއިރު މިހާރު ނާޒިމްގެ މައްޗަށް ދައުވާކޮށްފައިވާ ޤާނޫނަށްވުރެ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރައި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އަދަބު ކުޑަކަމުން އެކަމަށްޓަކައިވެސް އިސްކަންދޭންޖެހޭނީ ޤަނޫނު ނަމްބަރ 17/2010 އަށް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް އިއްވި ޙުކުމަކީ 'ބޮޑު ޖަރީމާއެއް' ގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކޮށްފައިވާއިރު މިހާރު ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފު މައްސަލައިގެ ޝަރީޢަތުގައި ވެސް ނާޒިމްގެ ވަކީލުން ވަނީ ކްރިމިނަލް ކޯޓުގައި ޝަރީޢަތް ކުރިއަށް ގެންދިޔަ ފަނޑިޔާރުންގެ ޢަމަލްތައް ހުރި ގޮތުން ނާޒިމްގެ ގިނަ ޙައްޤުތަކެއް ގެއްލިފައިވާކަން ފާހަގަކޮށްފައެވެ.

ނާޒިމްގެ މައްޗަށް ޙުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 2 ފަނޑިޔާރަކު ވަރަށް ފަހުން ހައިކޯޓަށް ބަދަލުކޮށްފައިވާއިރު ނާޒިމްގެ މައްސަލައަށް އެބޭފުޅުން ނުފޫޒު ފޯރުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ދާދި ފަހުން އެކޯޓަށް ބަދަލު ކުރެވުނު ޝުޖާޢު އުޘްމާން އާއި އަބްދުﷲ ދީދީ ނުހިމެނެއެވެ.

ދެން އުފެދޭ ސުވާލަކީ ހަފްތާއެއްގެ ތެރޭގައި ނާޒިމްގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ނިންމުމަށް ހައިކޯޓުން އަމާޒު ހިފާފައިވާއިރު ކާނަލް ނާޒިމަށް ހައިކޯޓުގައި އިންސާފު ލިބިދާނެތޯއެވެ ؟ ޖަވާބު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބިގެންދާނެއެވެ.