ދިވެހިރާއްޖޭގެ ނައިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު މަޤާމުން ވަކިކުރުމަށް ސަރުކާރުގެ އިސްބޭފޫޅުން އަވަދިނެތި އުޅުއްވަނިކޮށް 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދިޔަ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން 'ސާފު ވައި ލިއްބައިދިނުމަށް' ކަމަށް ބުނެ 3 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފައެވެ.
ނައިބު ރައީސް ކަމުގެ މަޤާމަށް ޑރ.ޖަމީލު އަށް ފަހު އިސްކުރެވޭނެ ކަމަށް އެންމެ ބޮޑަށް އަޙްމަދް އަދީބް ވަގުތީ ގޮތުން ހޯމް މިނިސްޓަރ ކަމާއި ހަވާލުވެ ހުންނަވައި ނަޝީދު ގޭބަންދަށް ދޫކޮށްލުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއްތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު ކުރަމުންނެވެ.
ނައިބު ރައީސް އާއި ރައީސް ކަމަށް ކުރިމަތިލާ ބޭފުޅުންގެ އުމުރު ދަށް ކުރުމުގެ މައްސަލައިގައި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޚިޔާލު ތަފާތު ވެފައިވާކަން ހާމަވެގެން ގޮސްފައިވާއިރު ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ނުވަތަ ނައިބު ރައީސް ކަމަށް ކުރިމަތިލާ ފަރާތުގެ އުމުރު ދަށްކުރާ އިސްލާހް ފާސް ކުރުމަށް ވެސް ޕީޕީއެމް އަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވޯޓް ވަރަށް މުހިއްމު ވާނެ ކަމަށް ބެލެވެއެވެ.
މި އިސްލާހު މަޖިލީހުގައި ފާސްކުރަން ޕީޕީއެމް އާއި އެމްޑީއޭއިން ތްރީލައިން ވިޕް ނެރެން ފާސްކޮށްފައި ވި ނަމަވެސް، އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ ތާއިދު ނެތި ބިލް ފާހެއް ނުކުރެވޭނެ އެވެ. ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުމުގެ ބިލެއް ފާސްކުރަން މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި މެމްބަރުންގެ އަޣުލަބިއްޔަތު ކަމުގައިވާ 64 މެމްބަރުންގެ ވޯޓް ބޭނުންވާނެއެވެ. ޕީޕީއެމް އާއި އެމްޑީއޭގެ ތިއްބެވީ ޖުމުލަ 49 މެމްބަރުންނެވެ. އެހެންވެ، ބިލް ފާސްކުރަން އިތުރަށް 15 މެމްބަރުންގެ ތާއިދު ހޯދަން ޖެހޭނެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރ މަހްލޫފް ޖޭޕީ އަށް ސޮއި ކުރައްވާފައިވާއިރު މިހާރު ޖޭޕީގެ މަޖިލިސް މެންބަރުންގެ އަދަދަކީ 11 އެވެ. މަޖިލީހުގައި މިހާރު އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ 24 މެންބަރުން ތިއްބަވައެވެ. އެހެންކަމުން ޖޭޕީ އާއި އެމްޑީޕީ މެންބަރުން އެއްކޮށްލުމުން އިދިކޮޅު މެންބަރުންގެ އަދަދަކީ 35 އަށް އަރައެވެ.
ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ، ނައިބް ރައީސާއި ރައީސް ކަމަށް ކުރިމަތިލާ ފަރާތުގެ އުމުރު ދަށްކުރާ އިސްލާހަށް ތާއީދު ކުރުމަށް ޖޭޕީގެ މެންބަރުން ކިބައިން އެދިފައިވީ ނަމަވެސް ޖޭޕީގެ ހުރިހާ މެންބަރުން އެގޮތަށް ވޯޓް ދެއްވާނެ ކަމަކަށް ނުބެލެވެއެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި ރައީސް ނަޝީދު 3 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފައިވަނީ ސަރުކާރުގެ 'ނިޔަތް ސާފުކަން' ދެއްކުމުގެ ގޮތުން ކަމަށެވެ.
ނައިބް ރައީސް ޑރ.ޖަމީލް އަށް ބަލާލާއިރު އެބޭފުޅާއަކީ މާޒީގައި އެމްޑީޕީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ރުޅިވެރިކަމެއް އެބޭފުޅަކަށް އަމާޒުވެފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގެ ތެރޭގައި މަޝްހޫރުވި، ނައިބު ރައީސްގެ 'އިންތިޙާބު ވިޔަސް ހަވާލު ނުކުރާނަން' ވަޢުދު ވެގެން ގޮސްފައިވަނީ އެމްޑީޕީގެ މެންބަރުންގެ ހިތުގައި އެމަނިކުފާނާއި މެދު ރުޅިވެރިކަން އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަށެވެ.
އެހެން ކަމުން ޝަރުތެއްގެ ގޮތުގައި ރައީސް ނަޝީދު މިނިވަން ކުރުން ކަނޑައެޅުމަށް ފަހު ނައިބު ރައީސް މަޤާމުން ވަކިކުރުމަށް އެމްޑީޕީ އިން މަޖިލީހުގައި ތާޢީދުކުރުމަކީ އެޕާޓީގެ އާންމު މެންބަރުން ވެސް ހިތާއި ރުހުމުން ޤަބޫލު ކަމެއް ކަމުގައި ބެލެވެއެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ ޝުޢޫރުތަކަށް ބަލާއިރު އެމީހުން ތިބީ ކޮންމެ އަގެއް ދައްކައިގެން ނަމަވެސް ރައީސް ނަޝީދު މިނިވަން ކުރުމަށް ތައްޔާރަށެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ޖުލައި 26 ގެ ކުރިން ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހްމަދު ބަދަލުކޮށް، އެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އައްޔަން ކުރައްވާނެ އެވެ. އަދީބަކީ ކޮރަޕްޝަނާއި ބޮޑެތި އެހެން ކުށްތަކުގެ ތުހްމަތުތައް ކޮށްފައިވާ ބޭފުޅެކެވެ. ނަމަވެސް އޭގެން އެއްވެސް މައްސަލައެއްގައި ތަހްގީގުކޮށް ފިޔަވަޅެއް އަޅާފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.
ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ރައީސް ނަޝީދު ގޭބަންދަށް ބަދަލު ކުރުމަށް ދެކޮޅު ހައްދަވާފައެވެ. އެހެން ކަމުން އެމަނިކުފާނު ރަށުން ބޭރަށް ވަޑައިގެންނެވި ދަނޑިވަޅުގައި އަދީބު ހޯމް މިނިސްޓަރ ކަމާއި ހަވާލުވެ ރައީސް ނަޝީދު ގޭބަންދަށް ބަދަލު ކުރެއްވީ އަމިއްލަ ފުޅަށް ނައިބު ރަޢީސަށް ވުމަށް މަގު ފަހި ކުރެއްވުމަށް ކަމަށް ވުމަކީ ވެސް އެކަށީގެންވާކަމެކެވެ.