Last Updated: November 24, 18:35
Sunday, November 24, 2024
ޚަބަރު

ކުރީ ސަރުކާރުން ކަންކަން ކުރީ ނަހަމަ ގޮތުގައި، ޖަވާބުދާރީވާންޖެހޭނެ

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ހިފީ ނަހަމަ ގޮތުގައި ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައި ހުރި ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިމިވަނީ ކުރީ ސަރުކާރުން ހަރަދުތައް ރެކޯޑު ކުރުމުގައި ހަދާފައި ހުރި ގޯސްތައް ބަލައި ފިޔަވަޅު އަޅަން މި ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ނައިބު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެންނަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަ ގޮތުގައި ކުރަމުންދިޔަ ކަންކަން ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށެވެ. އެގޮތުންކޮވިޑު 19ގެ އާލަމީ ވަބާގައި ދިވެހި ދައުލަތަށް ލިބުނު އެހީތައް ވެސް މި ބީދައިން ފޮރުވައިފައި ކަމަށް ނައިބު ރައީސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"ގާނޫނު އަސަސީއާ ޚިލާފަށް ކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީ ވާން ޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ހަރަދު ކުރުމަށްފަހު ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ގިނަ ހިސާބުތައް ޖަހާފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީ އާއި މާލިއްޔަތާ ގުޅޭ ގަވާއިދާ ހިލާފަށް ކުރަމުންދިޔަ ކަމެއް ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.