Last Updated: November 24, 17:50
Sunday, November 24, 2024
ޚަބަރު

ކުރީ ސަރުކާރުގެ ހިސާބުތައް ދިމާނުވާ މައްސަލަ ބަލަންޖެހޭ

މިނިސްޓަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނާ ޚިލާފަށް ކުރި ކަންކަން ބަލަންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރު އިދިކޮޅުގައި ތިބެ އެންމެ ބޮޑަށް ދެއްކި ވާހަކައަކީ މިއީ ކަމަށެވެ.

އެގޮތުން މާލިއްޔަތު ޤާނޫނާ އަދި ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނާ ޚިލާފަށް އޭރު ސަރުކާރުން ދިޔައީ ތަނެއް ދޮރެއް ނުބަލާ ޚަރަދުކޮށް އެތައް ގުނައެއް އަގުބޮޑުކޮށް ޕްރޮޖެކްޓުތައް ގާތް އެކުވެރިންނަށްދީ ބޮޑެތި އަދަދުތަކުން ބަދަލުދެމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ސަޕްލިމެންޓަރީ ބަޖެޓް ކޮންމެ އަހަރެއްގެ ބަޖެޓުގެ ބަނޑުދޮށަށްލައިގެން މަޖިލީހަށް ގެނަސް ފާސްކުރާއިރު އޮންނަނީ މާކުރިން އެޚަރަދުކޮށްފައި. ހިސާބުތައް ދިމާނުވާ ވާހަކަ އަޅުގަނޑުމެން ދެއްކީ ނުހަނު ކަންބޮޑުވުމާއިއެކު،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ މިއީ އެއްވެސް ހާލެއްގައި އަޅާނުލާ ދޫކޮށްލާވަރަށް ވުރެ މާ ސީރިއަސް ކަމެއް ކަމަށާއި ޤައުމުގެ މުސްތަޤުބަލަށްޓަކައި ވެސް މިކަންކަން ބަލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ހަރަދު ކުރުމަށްފަހު ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި ވަރަށް ގިނަ ހިސާބުތައް ޖަހާފައިވާ ކަމަށާއި އެއީ ގާނޫނު އަސާސީ އާއި މާލިއްޔަތާ ގުޅޭ ގަވާއިދާ ހިލާފަށް ކުރަމުންދިޔަ ކަމެއް ކަމަށްވެސް އުޝާމް ވިދާޅުވި އެވެ.