Last Updated: October 22, 10:32
Tuesday, October 22, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް ލިވަޕޫލުން އެއްވަނަ ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 2-1 އިން ޗެލްސީ ބަލިކޮށް، ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ އަށް މެޗުން ލިބުނު 21 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އަށް މެޗުން 20 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ ކަމަށްވާއިރު ތިންވަނައިގައި 17 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މިއީ ލިވަޕޫލްގެ ކާޓިސް ޖޯންސް އަށް ޗެލްސީގެ ޑިފެންޑަރު ކޯލްވިލް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ގޯލަށް ފަހު ވެސް ލިވަޕޫލުން ވަނީ މި ހާފުގައި ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީން ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މޮއިސެސް ކައިސޭޑޯ ދިން ޕާހަކުން މި ގޯލު މެޗުގެ 48 ވަނަ މިނެޓްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ސަލާ ނަގައިދިން ހުރަހަކުން ޗެލްސީގެ އޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުން ކާޓިސް ޖޯންސް ވަނީ އަލުން ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ރެނާޓޯ ވެއިގާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީން ރޭ ވަނީ ވުލްވްސްގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ.