ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން 5-1 އިން ސެވިއްޔާ ބަލިކޮށްފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 10 މެޗުން ލިބުނު 27 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 24 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު، ތިންވަނައިގައި 20 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ބާސާ އިން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން ބާސާގެ ފުރަތަމަ ގޯލު މެޗުގެ 24 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވެންޑޯސްކީ ކާމިޔާބުކޮށްދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން ޕެޑްރީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ސެވިއްޔާގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެވެންޑޯސްކީ ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މެޗުގެ ފަހު 10 މިނެޓްތެރޭގައި ބާސާގެ ހަތަރުވަނަ ގޯލާއި ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ޕަބްލޯ ޓޯރޭ އެވެ. ސެވިއްޔާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ސްޓަނިސް އިޑުމްބޯ އެވެ.
ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ އެވެ.