Last Updated: October 22, 10:32
Tuesday, October 22, 2024
ޚަބަރު

ކެނަރީފަށް ވަގުތީ މުވައްޒަފުންތަކެއް ނަގަނީ

އައްޑޫ ކެނަރީފް ރިސޯޓަށް ވަގުތީ ގޮތުން މަސައްކަތް ކުރާނެ ވޮލަންޓިއާ މުވައްޒަފުންތަކެއް ނަގަން ނިންމައި، އެކަމާ ގުޅޭ އޯޕަން ޑޭއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި އޯޕަން ޑޭ ބާއްވަން ހަމަޖެހިފައި ވަނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި އަންނަ ބުރާސްފަތި ދުވަހު އެވެ. އެއީ އެ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމައަށެވެ.

ކެނަރީފުން ބުނީ ވަގުތީ މުވައްޒަފުންތަކެއް ނަގަން ނިންމީ އަންނަ މަހު އެ ރިސޯޓްގައި ބާއްވަން ހަމަޖެހިފައިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕާ ދިމާކޮށް ކަމަށެވެ. އެގޮތުން އެ މަހުގެ 5-11 އަށް ބާއްވާ އިވެންޓާ ދިމާކޮށް މުވައްޒަފުން ނަގަނީ އަންނަ މަހުގެ 3-11 އަށެވެ.

މުވައްޒަފުން ނަގަން ހަމަޖެހިފައި ވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ ވެއިޓަރުންނާއި ހައުސްކީޕިން އާއި ކިޗެން ސްޓިއުވާޑް އެންޑް ހެލްޕާސްގެ އިތުރުން ޖެނެރަލް ވޯކާސް އެވެ.

ކެނަރީފުން ވަނީ ދާއިރާތަކުން މަސައްކަތްކޮށް ދޭން ޝައުގުވެރި ފަރާތްތަކުން 24 ވަނަ ދުވަހު އައްޑޫ ހައި ސްކޫލްގައި ބާއްވާ އޯޕަންޑޭ އަށް ދައުވަތު ދީފަ އެވެ.

މަގާމުތަކަށް ނަގާ މުވައްޒަފުންނަށް އުޖޫރައިގެ އިތުރުން ކެއުމާއި ދަފުރު ފަތުރު ވެސް ރިސޯޓްގެ ފަރާތުން ހަމަޖައްސައި ދޭނެ އެވެ.