Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

ޝަހީދުންނަށް ކަށު ނަމާދު ކުރުމެއް ނޯވޭ، އޮތީ ހެޔޮ ދުއާ ކުރުން

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު- ފޮޓޯ: ރައީސް އޮފީސް

ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަ ކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ، އިސްލާމްދީނުގެ ޖުމުހޫރު އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަކަމަށެވެ.

އެގޮތަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެއް ކަމަށާއި ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް ބުނަނީ އެއީ ވާޖިބު ކަމެއް ނޫންކަމުގައި ކަމަށް ވިދާލުވި އެވެ.

"ދީނުގެ ކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށެވެ. އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށު ނަމާދު ކުރައްވާފައި ނުވެ އެވެ. އެހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވި އެވެ. ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދު ކުރައްވާފައި ނުވެއެވެ. ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގަ އެވެ." މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަ ކަމަށާއި، ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެއް ކަމަށެވެ. އަދި ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުއާކުރުން ކަމަށެވެ.

މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އިސްރޭލުގެ ހަމަލާތަކުގައި ޝަހީދުވި އިސްލާމީ ލީޑަރުންގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ނުކުރާތީ އެކަމުގައި ބައެއް މީހުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.