'ފަލަސްތީނާ އެކު ދިވެހީން' ނަމުގައި ކުރިއަށް ގެންދިޔަ ޓެލަތޯނަށް ލިބުނު ފައިސާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލުކުރިތޯ ޔަގީންކުރަން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް އެވެ.
ހަލީލް ހާޒިރުކުރަން މީކާއިލް ހުށަހެޅުއްވި މައްސަލާގައި ވަނީ 'ފަލަސްތީނާ އެކު ދިވެހީން' ނަމުގައި ކުރިއަށް ގެންދިޔަ ޓެލަތޯނަށް ލިބުނު 19 މިލިއަން ރުފިޔާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑަށް ހަވާލުކުރެވިފައިވޭތޯ އާއި އެ ފައިސާ ހަވާލު ނުކުރެވޭނަމަ މިކަމަށް ހަތަރު މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަވި ސަބަބު ސާފުކޮށްދިނުމަށް އެދިފަ އެވެ.
އަދި އެ ފައިސާ ފަލަސްތީނަށް ރައްދުކޮށްދެވޭނެ ތާރީޚެއް ސާފުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.
ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް ދިވެހި ސަރުކާރުގެ ފަރާތުން ޖަމާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ އޮގަސްޓު މަހު ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ފައިސާ ޖަމާކޮށްދިނީ މަރުކަޒީ ބޭންކު އެމްއެމްއޭ މެދުވެރިކޮށް، ސީދާ އަންރުއާގެ އެކައުންޓަށް ކަމަށެވެ.