Last Updated: October 22, 10:51
Tuesday, October 22, 2024
ޚަބަރު

ރައްޔިތުން ނިކުމެ ސަރުކާރު ހަމަމަގަށް އަޅުވަންވީ ވަގުތު ޖެހިއްޖެ

ރައްޔިތުން ނިކުމެ ސަރުކާރު ހަމަމަގަށް އަޅުވަންވީ ވަގުތު ޖެހިފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ.

މަޖިލިސް ކައިރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މި ސަރުކާރު ހަމަމަގަށް ނާޅުވައިފިނަމަ ރައްޔިތުންނަށް މާލޭގައި މުޒާހަރާ ކުރަން ވެސް އަދި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ހައްގުތައް ގެއްލޭނެ ކަމަށެވެ.

"މިހާރު މިއީ ދިވެހި ރައްޔިތުން ގެއްލެމުންދާ ހައްގުތަކަށް ތެދުވަންވީ ވަގުތު. އަދި ކަންބޮޑުވުން ފާޅުކޮށް ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކާ، ޖަވާބުދާރީކުރުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭ ވަގުތު،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވަނީ މަޖިލީހުގައި ތިބި އެމްޑީޕީގެ 12 މެމްބަރުން މި މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އަރުވާފަ އެވެ.

ކުރީ ސަރުކާރުން ދިން ފްލެޓް އަދި ގޯތި ހަވާލުކުރުން ލަސްވާ މައްސަލައިގައި މަޖިލިސް ކައިރީގައި އެމްޑީޕީން މިއަދު ވަނީ މުޒާހަރާއެއް ކޮށްފަ އެވެ. މަޖިލިސް ކައިރިން ފެށި މުޒާހަރާ މާލޭގެ އެކި މަގުތަކުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

ބިންވެރިޔާ ސްކީމުގެ ގޯތިތަކާއި ގެދޮރުވެރިޔާ ސްކީމުން ދޭން ނިންމި ފްލެޓުތައް މި ސަރުކާރުން އަދިވެސް ހަވާލު ނުކުރާތީ މުޒާހަރާގެ ބައިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.