Last Updated: October 22, 09:12
Tuesday, October 22, 2024
ޚަބަރު

އިޒްރޭލު ޕާސްޕޯޓް މަނާ ނުކުރުމަކީ ސަރުކާރުގައި ޖެހޭ ލައްގަނޑެއް

އިޒްރޭލު ޕާސްޕޯޓް މަނާ ނުކުރާ ކޮންމެ ދުވަހަކީ ސަރުކާރުގައި ޖެހޭ ލައްގަނޑެއް ކަމަށް ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އަލީ ރަމީޒު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާނުކޮށް ދާ ކޮންމެ ދުވަހަކީ މި ސަރުކާރުގައި ޖެހިގެންދާ ލައްގަނޑެއް ކަމަށެވެ.

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 100 އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަމުންދާތީ އިދިކޮޅު އެމްޑީޕީ އާއި ގިނަ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށާއި މަޖިލީހަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިކަން އަވަސްކުރަން ގޮވާލައި މަޖިލިސް ދޮށުގައި މިއަދު ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 42،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.