Last Updated: October 22, 10:15
Tuesday, October 22, 2024
ޚަބަރު

ޑްރަގް އެތެރެ ކުރި ބްރެޒިލް މީހާގެ ބަންދަށް 30 ދުވަސް

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލަނީ. ފޮޓޯ: ޕޮލިސް

ރާއްޖެއަށް ޑްރަގް އެތެރެ ކުރި ބްރެޒިލް އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފި އެވެ.

މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ބްރެޒިލް އަންހެނެކެވެ.

މި މީހާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ރާއްޖެ އައިއިރު، ގެނައި ދަބަހުގައި ކޮންސީލްކޮށްފައިވާ ހަތަރު ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދަބަހާއި ގުޅޭ އިތުރު މައުލޫމާތު ނޭނގޭތީ، ކޮންޓްރޯލް ޑެލިވަރީ ޖައްސަން އެއްބާރުލުން ނުދެވުނީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޯޓުގައި އޭނާ ވަނީ ބަލިވެ އިންކަން މިހާރު އެނގިފައިވާ ކަމަށާއި، އޭގެ އިތުރަށް އެއް ފަޅި ޕެރަލައިޒް ވެފައިވާ ކަމަށް ބުނެފަ އެވެ. ކޯޓުން ވަނީ އެ ކަންކަން ގާތުން ބަލަން ފުލުހުންނަށް އަންގާފަ އެވެ.

ފުލުހުން ވަނީ ބޭސްފަރުވާއާ ގުޅިގެން އޭނާ ހައްޔަރުކުރި ދުވަހު އޭނާގެ ފޯނުން ހިއްސާކުރި ލިޔެކިޔުން ބަންދު މަރުކަޒާ ފުރަތަމަ ދުވަހު ވެސް ހަވާލުކޮށްފައިވާނެ ކަމަށް ބުނެފަ އެވެ. އަދި އޭނާ ބަންދުގައި ހުރިކަން އެމްބަސީ އަށް އަންގާފައިވާނެ ކަމާއި ނަމަވެސް އޭނާ އަށް ފޯނު ކޯލު ފުރުސަތު ދެވި، އޭނާގެ މަންމަގެ ނަމްބަރަށާއި އެމްބަސީއަށް ގުޅުން ކުރި މަސައްކަތުން ފޯނަށް ޖަވާބުދީފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު ހަ މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.